25 Dec 2016, 12:54
ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުންނަށް ދިފާއީ ހެކިން ހާޒިރު ކުރަން ދިން މުއްދަތުގައި ހެކި ހާޒިރު ނުކުރެވުމުން ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.
އެމައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިން ހާޒިރުު ކުރުމަށް ފަހު ފުރުސަތު ގާޒީ ވަނީ ދެއްވާފަ އެވެ. ނަމަވެސް މިއަދު ވެސް ހެކި ހާޒިރު ނުކުރެވޭ ކަމަށާއި އިތުރު ފުރުސަތެއް ދިނުމަށް ދައުވާ ލިބޭ ތިން މީހުންގެ ވަކީލު ކޯޓުގައި އެދުނެވެ.
ގާޒީ ވިދާޅުވީ މިހާރު އެކަށީގެންވާ ފުރުސަތު ދެއްވިއްޖެ ކަމަށެވެ. އެހެންކަމުން ދެން ހެކިން ހާޒިރު ކުރަން އިތުރު ފުރުސަތު ނުލިބޭނެ ކަމަށާއި ފެބުރުއަރީ ދެވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށެވެ.
އެމައްސަލާގައި ދައުވާ ލިބޭ ތިން މީހުންވެސް ތިބީ ބަންދުން ދޫކޮށްލާފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލައިފަ އެވެ. ނަމަވެސް އެ ތިން މީހުން އޭނާ މަރާލުމުގައި ބައިވެރިވި ކަމުގެ ހެކި ލިބިފައިނުވާތީ އެމީހުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މަފާޒު މަރާލުމުގެ ކުރިން ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.