25 Dec 2016, 12:44
ކުރިއަށްއޮތް އަހަރު ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާވާފައިވާ ހަރަކާތްތައް ހިމަނައިގެން އެ އެސޯސިއޭޝަންގެ ކަލަންޑަރު އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ ނެޓްބޯޅަ ހަރަކާތްތައް ފަށަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ޔޫތު ޑެވެލޮޕްމަންޓް ޕްރޮގްރާމެވެ.
އެ ހަރަކާތަށްފަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނެޓްބޯޅައިގެ ފުރަތަމަ މުބާރާތެވެ. ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި އަންހެން ބައިގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ފިރިހެން ޑިވިޝަން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެ މުބާރާތަށްފަހު ވައިޑީޕީގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހު، ދެން ބާއްވާ ބޮޑު މުބާރާތަކަށް ވެގެންދާނީ މެއި މަހުގެ 23 އިން ފެށިގެން ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިކްސް ނެޓްބޯޅަ މުބާރާތެވެ. އެއީ ދެ ޖިންސްގެ ކުޅުންތެރިން އެއްކޮށްލައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.
އެ މުބާރާތް ނިމުމާއެކު ކުރިއަށްގެންދާ މުބާރާތަކީ ރަމަޟާން ނެޓްބޯޅަ ލީގެވެ. އެ މުބާރާތް ކުރިއަށްދާނީ ޖޫން މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތާއި ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ނެޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އަންނަ އަހަރުގެ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނެޓްބޯލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ކުރިއަށްދާނެ އެވެ.
އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ފަހު މުބާރާތަކީ ގައުމީ ނެޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 29 އިން ފެށިގެން އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވެސް އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނެ އެވެ.