20 Jun 2011, 13:53
ކަރަންޓް ބިލު ނުދައްކައިގެން ށ. ފޯކައިދޫ 90 ގެއަކުން ކަރަންޓް ކަނޑައިލި މައްސަލަ ހޫނުވެ، އެންމެފަހުން މުޅި ރަށުން ކަރަންޓް ކަނޑައިލައި އިންޖީނުގޭ ގައި ތަޅު އަޅުވައިފި އެވެ. ފޯކައިދޫން ކަރަންޓް ކަނޑައިލުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިވެ، މުޅިރަށް އަނދިރީ ގައި ވާއިރު ރައްޔިތުން ތިބީ "އުދާސްގަނޑެއް"ގެ ތެރޭގަ އެވެ.
ރަށު ކައުންސިލުގެ ރައީސް މުހައްމަދު ރާޝިދު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ރަށުގެ ހުރިހާ ގެއަކުން ކަރަންޓް ކަނޑާލައި އިންޖީނުގޭގައި ތަޅު އެޅުވީ ކަރަންޓް ބިލު ނުދައްކާ ތިބި 90 ގެއިން ކަރަންޓް ކަނޑައިލުމުން ރަށުގެ ރައްޔިތުންގެ ތެރޭގައި ދިމާވި ހަމަނުޖެހުންތަކާ ގުޅިގެން މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ރަށުން ކަރަންޓް ކަނޑައިލުން ކަމަށް ކައުންސިލަށް ފެނުމުން ކަމަށެވެ.
"އަޅުގަނޑުމެން އެންގީ މޭ މަހުގެ ކަރަންޓް ފީ ނުދައްކާ ތިބި 90 ގެއިން ކަރަންޓް ބިލު ދައްކަން. ނުދެއްކީމަ ކަރަންޓް ކަނޑައިލީ އެގޮތަށް ކަރަންޓް ކަނޑައިލުމުން އެ މީހުން އަމިއްލައަށް ނުކުމެ ކަރަންޓް ދެމުން ދިޔައީ. ދެ ފަހަރަށް އެހެން ހެދުމުން ކަރަންޓް ބިލުދައްކާފައިވާ ގޭގެއިން މައްސަލަތައް ޖައްސައި ބޮޑު ހަމަނުޖެހުމަކަށް ބަދަލުވާ ހިސާބަށް ދިޔައީ،" ރާޝިދު ވިދާޅުވި އެވެ. "ބިލު ދެއްކި ގޭގެއިން ބުނަނީ މިކަން ހައްލު ކުރުމަށް. އެހެންނޫނީ އިންޖީނުގެ ތަޅައި ސުންނާފަތި ކުރާނެ ކަމަށް، މިހިސާބަށް ދިއުމުން ކައުންސިލުން އަމުރުކޮށް އިންޖީނުގެ ތަޅުލީ،"
ކަރަންޓްގެ "ހޫނު"ގައި ޖެހި މުޅި ފޯކައިދޫ އުދާސްގަނޑަކަށްވެފައި އޮންނަތާ މިއަދަށް މިވީ ފަސް ދުވަހެވެ. ގާތްގަނޑަކަށް 1600 އެއްހާ މީހުން އުޅޭ ރަށުން ކަރަންޓް ނެތުމުން ރަށުގެ އާންމުން ހާލަތު "އެކޮޅު ކޮޅުން" ޖެހިފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
"ފުރަތަމަ ކަރަންޓް ކަނޑައިލި ރޭ ރަށުގެ މާހައުލު އޮތީ ވަރަށް ފިނިކޮށް މާ ބޮޑު މައްސަލަ އެއް ދިމާއެއް ނުވޭ. ނަމަވެސް މިހާރު މިދަނީ ވަރަށް ހޫނު ދުވަސްތަކެއް. ދުވާލު ހަމަ މީހުން ކެތް ނުކުރެވިގެން އުޅެނީ. ރޭގަނޑު ފުޅި ބައްތިއާ އުއްބައްތި ދިއްލައިގެން ރައްޔިތުން އުޅެނީ. ގޭދޮރުމަތީގަ އާއި މަގުމަތީގައި ވެސް މީހުން ނިދާ. ބައެއް ފިރިހެނުން މަގުމަތީގައި ނިދަމުން ދޭ،" ރާޝިދު ވިދާޅުވި އެވެ.
ރަށު ކައުންސިލުން މިއަދު ބުނީ ރަށަށް ކަރަންޓް ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.