ށ. ޅައިމަގު އަންހެނެއްގެ މޫނަށް ކެމިކަލް ޖެހުމުން އޭނާއަށް މާ ބޮޑެތި ގެއްލުންތަކެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް އެސިޑް ޖަހާފައި ވަނީ އިއްޔެ ރޭ ފަތިހު އެވެ.

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަލީމާއަށް ފަރުވާދޭ ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ ހަލީމާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.

"ލޮލުގެ ފެނުމަށް އަސަރެއް ނުކުރޭ، ލޮލަށް ކެމިކަލް ދިއުމުން ހިރުވުންހުންނާނެތާ، އަނެއްހެން ގެއްލުމެއްނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ މޫނަށް ޖަހާފައި ވަނީ ފާހާނަ ސާފުކުރަން ބޭނުންކުރާ ކެމިކަލް ކަމަށާއި މޫނުގެ ހަނގަނޑަށް އެއްވެސް ގެއްލުމެއްނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.