25 Dec 2016, 11:02
ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ހަމަޖައްސައިދީފި އެވެ.
މިއީ އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން ފެށި ސަރުކާރުގެ "އެއްވެސް މީހަކު ބާކީ ނުކުރުމުގެ" ސިޔާސަތުގެ ދަށުން މިހާ ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ކުންފުންޏަކުން ވަޒީފާ ހަމަޖައިދިން ފުރަތަމަ ފަހަރެވެ.
ދަރުބާރުގޭގައި މިއަދު ކުރިއަށްގެންދާ ހަފްލާއެއްގައި ވަޒީފާ ހަމަޖައްސައިދިން 74 ފަރާތަކަށް ވަނީ ވަޒީފާގެ ލިޔުން ހަވާލު ކޮށްފަ އެވެ. އެ މީހުންނަށް ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އާއި ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ.
މިއަދު ލިއުން ހަވާލުނުކުރި 26 ފަރާތަކަށް ލިޔުން ފަހުން ހަވާލުކުރާނޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، ފެނަކަ އިން މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި ތަފާތު އެކި ހާދިސާތަކުގައި އަނިޔާވެ، މަސައްކަތުގެ މާހައުލުން އެކަހެރިކޮށްލެވިފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ 152 ރަށެއްގައި ޔުޓިލިޓީގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ވަޒީފާ ދިން ހުރިހާ މީހުންނަށް ވެސް ވަޒީފާ ދީފައި ވަނީ ފެނަކަ ކޯޕަރޭޝަނުން އަތޮޅު ތެރޭގައި ހިންގާ ބްރާންޗުތަކުންނެވެ.
އެގޮތުން، ފެނަކަ ކޯޕަރޭޝަންގައި ޖުމްލަ 2400 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، މިއަދު ވަޒީފާ ހަވާލުކުރި މީހުންނާ އެކު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 2500 އަށް އަރާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މެޑަމް ފާތިމަތު އިިބްރާހިމް ވަނީ، ފޮރޮޅުލީ ގޮނޑިއަށް ބޭނުންވެފައި ތިބި ފެނަކަ ކޯޕަރޭޝަންގައި މިހާރު ވެސް ވަޒީފާ އަދާކުރާ ތިން މީހަކަށް ސޮދަގާތު ފައުންޑޭޝަނުން އޮޓޯ ވީލްޗެއާ ހަދިޔާކޮށްފަ އެވެ.