25 Dec 2016, 10:36
ހުޅުމާލޭގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާގެ ބޮލުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާ އަށް އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ގެންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ހުޅުމާލެ އެއް ނަންބަރު ފްލެޓް ކައިރީގައި ރޭ ހިންގި މާރާމާރީއެއްގައި ޒަހަމްވި މީހާ އަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފަ އެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ، ހުޅުމާލޭ ޒަހަމްތަކަކާ އެކު އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާގެ ބޮލުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
އަދި ޕޭޝަންޓަށް މިވަގުތު ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.