25 Dec 2016, 10:19
ބޭރަށް ދަތުރުކުރާ ދިވެހިން ޑޮލަރު ގަތުމަށްދާ ވަގުތުން ޑޮލަރު ވިއްކުމުގެ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފަށައިފި އެވެ.
މިދިޔަ މަހުގެ 20 ފެށިގެން ދަތުރުވެރިންނަށް އެމްއެމްއޭ އިން ޑޮލަރު ވިއްކަމުންދާ އިރު މިހާތަނަށް ޑޮލަރު ވިއްކަމުން ދިޔައީ، އެ ހަފުތާގައި ފުރާ މީހުންގެ ލިޔުންތައް ބަލައި ހެދުމަށް ފަހު ވަކި ވަގުތެއްގައި އައުމުން ޑޮލަރު ވިއްކާ ގޮތަށެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު އެމްއެމްއޭ އަށް ޑޮލަރުގަތުމަށް އައުމާ އެކު ލިޔުންތައް ބަލައި ޑޮލަރު ވިއްކަން ފަށާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭވަރުވޭ، އެހެންވެ މިހާރު ވަގުތުން ޑޮލަރު ވިއްކާނެ،" މަންސޫރު ވިދާޅުވި އެވެ.
ޗުއްޓީއާއި ގުޅިގެން އެތައް ބަޔަކު ދަތުރުތައް ކުރަމުންދެ އެވެ. ޑޮލަރު ވިއްކަން ފެށި ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ވެސް 5،500 އަށް ވުރެ ގިނަ ޓިކެޓަށް 2.8 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ.