މާދަމާ އިންޑިއާގައި ފަށާ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ އަޒުމުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް އެގައުމަށް ފުރައިފި އެވެ.

މާދަމާއިން އަންނަ މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާ އެމުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ޓީމް ރޭ އިންޑިއާ އަށް ފުރިއިރު ކޯޗު، ދެކުނު ކޮރެއާގެ ނައޯކޯ ކަވަމޯޓޯ ބުނީ ޓީމް އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އަމާޒަކީ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށެވެ.

އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ވަނީ ހަތް ދުވަހުގެ ތަމްރީން ކޭމްޕެއް ޔޫއޭއީގައި ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕެގެ ތެރެއިން އެގައުމުގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗު ކުޅުފައިވާ އިރު ފުރަތަމަ މެޗުން ރާއްޖެ މޮޅުވި އިރު ދެވަނަ މެޗުގައި ރާއްޖެ ވަނީ ބަލިވެފަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖެ ހިމެނެނީ 'ގްރޫޕް އޭ'ގަ އެވެ. ރާއްޖެއާ އެކު ދެން އެ ގްރޫޕްގައި ހިމެނެނީ ނޭޕާލާއި، ސްރީ ލަންކާ އަދި ބޫޓާން އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނަން ޖެހޭނީ ލަންކާއާ ދެކޮޅަށެވެ. މި މަހުގެ 28 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ މުބާރާތް ބޭއްވި ތިން ފަހަރު ވެސް ކާމިޔާބްކޮށްފައި ވަނީ އިންޑިއާ އެވެ.