25 Dec 2016, 10:28
އަބޫޖާ (ޑިސެމްބަރު 25) : ނައިޖީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުގެ މަރުކަޒުތައް ހަލާކުކޮށް އެޖަމާއަތް ނައްތާލާފައިވާ ކަމަށް އެގައުމުގެ ރައީސް މުހައްމަދު ބުޚާރީ ވިދާޅުވެއްޖެ އެވެ.
ރައީސް ބުޚާރީ ސޮއިކުރައްވައި ނައިޖީރިޔާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯކޯ ހަރާމް ޖަމާއަތުގެ މައިމަރުކަޒާއި އެނޫން މަރުކަޒުތައް ހަލާކުކޮށް ގިނަ ހަނގުރާމަވެރިން މަރާލައި ބާކިތިބި ހަނގުރާމަވެރިން ވިއްސިވިހާލިކޮށް ފައްސައި ނަގާލުމުގައި ނައިޖީރިޔާގެ ސިފައިންގެ ލަޝްކަރުތައް ބޮޑު ކާމިޔާބެއް ހޯދައި ބޯކޯ ހަރާމްގެ މައްޗަށް ނަސްރު ހޯދުނުކަން ސިފައިންގެ ވެރިޔާ ރަސްމީ ސިފައެއްގައި އަންގަވާފައިވާ ކަމުގަ އެވެ.

ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝީކޫ
ބޯކޯ ހަރާމްގެ މައިމަރުކަޒު ހުންނަނީ ނައިޖީރިޔާގެ ބޯނޯ ސްޓޭޓްގެ ސަންބީސާ ޖަންގަލީގަ އެވެ. އެމަރުކަޒު ނައިޖީރިޔާ ސިފައިންގެ އަތްދަށަށް ގެނަސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މީގެ އިތުރުން ބޯކޯ ހަރާމްގެ ޖަމާއަތުގެ ކޮންޓްރޯލް އޮތް ހުރިހާ ސަރަހައްދުތަކަކާއި އެޖަމާއަތުގެ ހަނގުރާމަވެރިން ފިލައިތިބުމަށް ބޭނުންކުރާ ތަންތަން ވެސް މިހާރުވަނީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.
ބޯކޯ ހަރާމް ޖަމާއަތަކީ އައިއެސް ޖަމާއަތާ އެއްގޮތަށް ބޮން ގޮއްވައިގެން މީހުން މެރުމާއި މަގުފޭރުމާއި ވައްކަން ކުރުމާއި ބޭންކްތައް ފެޅުމާއި އަންހެނުން ރޭޕްކޮށް ޢިއްފަތްތެރިކަމަށް އަރައިގަތުމާއި އަންހެންކުދިން ވަގަށްނަގައިގެން އަޅުވެތިކުރުން ފަދަ ބޮޑެތި ޖަރީމާތަކާއި މުޑުދާރު އަމަލުތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދިޔަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެކެވެ.
އާންމުގޮތެއްގައި ނައިޖިރިޔާގެ އުތުރުގައި މަރުކަޒުތައް ހުންނަ އެޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތައް ނައިޖީރިޔާގެ އަވަށްޓެރި ގައުމުތަކަށް ވެސް ފުޅާވެގެންދިޔަ އެވެ. ބޯކޯ ހަރާމްގެ ބާރު އެންމެ ގަދަވެގެން ދިޔައީ 2015 ވަނަ އަހަރުގަ އެވެ.
ނަމަވެސް މިދިޔަ އަހަރު ނައިޖީރިޔާގެ ވެރިކަމަށް ރިޓަޔަޑް ޖެނެރަލް މުހައްމަދު ބުޚާރީ އިންތިޚާބުވެވަޑައިގެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޯކޯ ހަރާމް ޖަމާއަތް އެއްކޮށް ނައްތާލުމަށެވެ. ރިޔާސީ ކޭންޕޭންގައި ވެސް ބުޚާރީ ވަނީ އޭނާގެ ވެރިކަމުގެ ކުރީކޮޅު ބޯކޯ ހަރާމް ޖަމާއަތް އެއްކޮށް ނައްތާލުމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ނައިޖީރިޔާގެ ސިފައިން ހަމަލާދީ އަބޫބަކުރު ޝީކޫ މަރާލާފާ
މިއަހަރުގެ ތެރޭގައި ބޯކޯ ހަރާމްގެ ޓެރަރިސްޓް ހަމަލާތަކުގެ އަޑުތައް އިވިފައި ވަނީ ވަރަށް މަދުންނެވެ. އެއީވެސް މިއަހަރުގެ ކުރީކޮޅުގައެވެ. މިއަހަރުގެ ޖޫންމަހަށް ފަހު ފާހަގަކުރެވޭ ފަދަ އެއްވެސް ޓެރަރިސްޓް ހަރަކާތެއް ބޯކޯ ހަރާމްގެ ޓެރަރިސްޓުންނަށް ހިންގިފައިނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް މަހު ބޯކޯ ހަރާމް ޖަމާއަތްވަނީ އައިއެސް ޖަމާއަތުން އިރާގާއި ސޫރިޔާގައި ގާއިމްކުރި "ޚިލާފަތުގެ ދައުލަތް" ގަބޫލުކޮށް އައިއެސްގެ ވެރިޔާ (ޚަލީފާ) އަބޫބަކުރުލްބަޣްދާދީ އަކީ ބޯކޯ ހަރާމްގެ ޚަލީފާ ކަމަށްވެސް ބައިއަތު ހިފާފައެވެ. ބޯކޯ ހަރާމްގެ އިތުރުން އައިއެސް ޖަމާއަތް ވެސް މިހާރުވަނީ ވަރަށް ބޮޑަށް ބަލިކަށިވެ ރޫޅުމުގެ މަގުމަތީގަ އެވެ.
ރަޝިޔާއާއި ތުރުކީގެ ގަދަފަދަ ވައިގެ ހަމަލާތަކާއި އިރާގާއި ސޫރިޔާ ސިފައިންގެ އެއްގަމު ހަމަލާތަކުގެ ސަބަބުން އިރާގާއި ސޫރިޔާގައިވާ އައިއެސްގެ ގިނަ މަރުކަޒުތައްވަނީ ބިމާ ހަމަވެފަ އެވެ. އަދި ހަމައެކަނި ތުރުކީންގެ ހަމަލާތަކުގައި ވެސް ފާއިތުވި ދެހަފްތާތެރޭގައި އައިއެސްގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައިވެ އެވެ. މީގެ އިތުރުން އައިއެސްގެ އަތްދަށުގައި އޮތް އިރާގުގެ މޫސަލް މިނިވަން ކުރުމުގެ ހަނގުރާމަ ވެސް އިރާގު ސިފައިން ގެންދަނީ ކާމިޔާބު ކުރަމުންނެވެ.
އައިއެސްގެ އަތްދަށުން މޫސަލް ފަތަހަ ފަތަހަ ކުރެވިއްޖެ ނަމަ އިރާގުގައިވާ އައިއެސްގެ ވުޖޫދު ގާތްގަނޑަކަށް ނިމުމަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)