ވޮޝިންޓަން (ޑިސެމްބަރު 25): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ، ޓްރަމްޕް ފައުންޑޭޝަން ބަންދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ފައުންޑޭޝަން ބަންދު ކުރާނެ ކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވަނީ އެފައުންޑޭޝަނުން ކުރީގެ ސިފައިންނާއި، ގާނޫނީ ދާއިރާގެ އޮފިސަރުންނަށާއި ކުޑަކުދިން ހިމެނޭ ގްރޫޕުތަކަށް އެތައް މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ.

ނަމަވެސް "ރައީސް ކަމުގެ މަސްލަހަތަށް ފުށޫ ނާރާނެ ކަން ޔަގީން ކުރުމަށް ޓަކައި، ހިލޭ އެހީ ފޯރުކޮށްދޭ އެހެން ގޮތްތައް ހޯދަން ނިންމަވާފައިވާ ކަމަށް" ޓްރަމްޕްގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ނިއު ޔޯކުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ޓްރަމްޕް ފައުންޑޭޝަނާ ބެހޭ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް އެފައުންޑޭޝަން ބަންދު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ނިއު ޔޯކުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރަމްޕް ފައުންޑޭޝަން ތަހުގީގު ކުރަމުން ދަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ފްލޮރިޑާ އެޓާނީ ޖެނެރަލް ޕާމް ބޮންޑީއަށް ތާއިދު ކުރާ ގުރޫޕަކަށް 2013 ވަނަ އަހަރު އެފައުންޑޭޝަނުން ކުރި ޑޮނޭޝަނަކާ ގުޅިގެންނެވެ.

އެޑޮނޭޝަން ކޮށްފައި ވަނީ ބޮންޑީގެ އޮފީހުން ޓްރަމްޕް ޔުނިވާސިޓީއާ ދެކޮޅަށް ހިޔާނާތުގެ މައްސަލައެއް ބަަލަން އުޅެނިކޮށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ބޮންޑީގެ އޮފީހުން ޔުނިވާސިޓީގެ މައްސަލަ ފަހުން ބަލާފައި ނުވެ އެވެ. ނަމަވެސް އެއީ ޑޮނޭޝަންގެ ސަބަބުން ކަމަށް ބުނާ ރިޕޯޓުތައް ބޮންޑީ ވަނީ ދޮގުކުރައްވާފަ އެވެ.

އަދި ޓްރަމްޕްގެ އަރިސް ފަރާތްތަކުން ވަނި 25،000 ޑޮލަރުގެ އެޑޮނޭޝަނަކީ ލިޔެކިޔުމުގެ ހުރި މައްސަލަތަކެއްގެ ސަބަބުން އޮޅިގެން ކުރެވުނު ޑޮނޭޝަނެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)