ލ. އަތޮޅޫ ކޯޒްވޭއިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ވަލަށް ވަދެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންޓްވީ މާންދޫއިން ކައްދޫއަށް ދާން އޮންނަ ކޯސްވޭއަށް އަރަން އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ވަލުތެރެެއަށް ވަދެގެން ކަމަށެވެ.

ހައްދުއްމަތީ ކޯޒްވޭގައި އެކްސިޑެޓްވި ސައިކަލު ކަށިކެޔޮ ފަލުގައި --- ސަންފޮޓޯ// އަހުމަދު މުޖުތަބާ

"ސައިކަލު އޮތީ ކަށިކެޔޮ ގަސްތަކެއްގެ ތެރޭގައި އެކޮޅު ކޮޅުން. ދުއްވަން އިނީ ޒުވާން ފިރިހެނެއް،" ސަންގެ ނޫސްވެރިޔާ ކިޔައިދިނެވެ.

އެނގިފައިވާގޮތުން ހޮސްޕިޓަލަށް ގެންދިޔައިރު ސައިކަލް ދުއްވަން އިން މީހާއަށް ގެއްލުމެއްވެފައިވާކަން ބޭރުމަތިން ފެންނާކަށް ނެތެވެ. ނަމަވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

ހައްދުއްމަތީ ކޯޒްވޭގައި އެކްސިޑެޓް ހިނގި ސަރަހައްދު --- ސަންފޮޓޯ// އަހުމަދު މުޖުތަބާ

"މިހާރު އެކްސްރޭ ނަގަނީ. އޭނާ ވާހަކަވެސް ދައްކާ ކަމަށްވަނީ ހޭވެސް އެބަހުރި،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.

ގަމު ކޯސްވޭގައި މިދިޔަ އީދުގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގާފަ އެވެ. އެއީ ފޮނަދޫގައި ޝޯދިނުމަށް އެ ރަށަަށް ދިޔަ ލަވަކިޔުންތެރިން ދުއްވި ކާރަކާ އިތުރު ކާރެއްޖެހި ހިނގި އެކްސިޑެންޓެކެވެ.