24 Dec 2016, 21:40
އިމާމުންގެ އަގުވައްޓާލަން މީޑިއާ މެދުވެރިކޮށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތާ ދެކޮޅަށް ސަރުކާރުން ތެދުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާޒު ބާގިރު ވިދާޅުވެއްޖެ އެވެ.
އިމާމުން ތަމްރީނު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ފެށި ޕްރޮގްރާމު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިިނިސްޓަރު ޒިޔާދު ވިދާޅުވީ "އިމާމުންނަކީ ޤަދަރުވެރި މާތް މަސައްކަތްތަކެއް ކުރައްވާ ބައެއް" ކަމަށެވެ.
އިމާމުންގެ މަސައްކަތުގެ އަގުވަޒަން ކުރާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އިމާމުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމުގައި ހެދުމަށް ބަޔަކު މީހުން މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ރައްޔިތުންނަށް ވިސްނުވައި ދިނުމަށް ކުރާ މަސައްކަތާއި ދެކޮޅަށް މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ޒިޔާދު ވިދާޅުވި އެވެ.
" މިސަރުކާރުން މިވަނީ އިމާމުން ކުރިއަރުވައި ޤަދަރުވެރި ކުރުމަށް އިމާމުންގެ އަތުގައި ހިފައިފައި" މިނިސްޓަރު ޒިޔާދު ބާގިރު ވިދާޅުވި އެވެ.
އިމާމުން ތަމްރީނު ކުރުމަށް މިއަދު ފެށި ޕްރޮގްރާމަކީ ސީދާ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއަދު ފެށުނު ތަމްރީނު ޕްރޮގްރާމަށް އަލިއަޅުވާލައި މިނިސްޓަރު ޒިޔާދު ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، ނަފްސަށް ބޭނުންވާ ޢިލްމީ ކުރިއެރުން ބޭނުން ނުވާނޭ ދާއިރާއެއް އޮވެގެން ނުވާނެ ކަމަށެވެ.
އިމާމުންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއަދު ފެށުނު ތަމްރީން ޕްރޮގްރާމަކީ ވެސް ގޮންޖެހުންތަކުން އަރައިގަތުމަށް ދީނީ ތައުލީމަކީ މުހިންމު ބައެއް ކަމަށް ވާތީ އެ މަގްސަދުގައި ފެށުނު ޕްރޮގްރާމެއް ކަމަށެވެ.
މިއަދުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި 36 އިމާމުން ބައިވެރިވެ އެވެ.