20 Jun 2011, 13:46
އާޓިފިޝަލް ބީޗުގައި ގްރޫޕަކުން އިންޑިއާ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު އަތުގައި ހުރި ފައިސާތައް ފޭރިގަނެގެން ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު އާޓިފިޝަލް ބީޗްގައި މަޑުކޮށްލައިގެން ހުރި ބިދޭސީ މީހަކަށް ހަމަލާދިނުމަށް ފަހު ފައިސާތަކާއެކު ވޮލެޓް ފޭރިގަތް މައްސަލަ އެއް ބަލަން ފަށާފައިވާ ކަމަށާއި އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އިންޑިޔާގެ އެ މީހާއަށް ހަމަލާ ދިން އިރު އެ ސަރަހައްދުގައި އުޅުނު މީހަކަށް އެ އިންޑިޔާ މީހާ ކިޔައިދިން ގޮތުގައި ބަޔަކު ގޮސް އޭނާއަށް ހަމަލާ ދީފައި ވަނީ ލަޓިބުރި ތަކަކުންނެވެ. އަދި ބުނީ އޭނާއަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މީހެއް ކަމަށާއި ހަމަލާދީ ޒަހަމްކޮށްލުމަށްފަހު އޭނާގެ ޖީބުގައި އޮތް 800ރ. ފޭރިގަތް އިރު ރައްޓެހި ބިދޭސީއަކު ވެސް ގާތުގައި ހުރި ކަމަށެވެ.
އެމީހާއަށް ދިން ހަމަލާގައި ބޮލާއި އަތުގެ ބައެއް ތަންތަން ވަނީ ޒަހަމްވެފަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އުމުރުން ދުވަސްވެފައިވާ އެމީހާ ހިނގީވެސް ކޮރުޖަހަމުންނެވެ. އޭނާއަށް އައިޖީއެމްއެޗް ގައި އަންނަނީ ފަރުވާ ދެމުން ނެވެ. އާޓިފިޝަލް ބީޗުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.