24 Dec 2016, 17:23
ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގާނޫނުތަކާއި ގަވައިދާ ޚިލާފަށް އެގައުމުގެ ރައްޔިތުން އާބާދުވަމުން އަންނަ އައުން ހުއްޓުމަކަށް ގެނައުމަށް ގޮވާލައި، އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ދިވެހިރާއްޖޭގެ ފަރާތުން މަރުހަބާ ކިޔައިފިއެވެ.
ފަލަސްތީނުގެ ބިންތައް ފޭރި، އިސްރާއީލުން އެ ބިމުގައި އިސްރާއީލު ރައްޔިތުން ވަޒަންވެރި ކުރުމަށް ގެދޮރު އަޅަމުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށެވެ. އެހެން ނަމަވެސް މިވީހާ ދުވަހު، އެމެރިކާއިން އެމައްސަލަ ވީޓޯ ކުރަމުން ދާތީ، އދއިން އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅޭގޮތެއް ނުވިއެވެ.
މިކަމާ ގުޅޭ ގަރާތެއް މިސްރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަމަ، އެމެރިކާގެ ރައީށްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ ޕްރެޝަރުން މިސްރުން ވަނީ އެގަރާތު އަނބުރައި ގެންގޮސްފައެވެ. އެހެން ނަމަވެސް އެ ގަރާރު، މެލޭޝިއާ، ނިއުޒިލެންޑް ،ސެނެގޯލް އަދި ވެނެޒުއޭލާއިން އަނެއްކާވެސް އިއްޔެ އެ މަޖިލީހަށް ހުށަހެޅިއެވެ.
އެ ގަރާރާ މެދު އދގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ މެދުގައި ވޯޓު ނެގި އިރު، 14 ގައުމަކުން ވަނީ އިސްރާއީލާ ދެކޮޅަށް ވޯޓު ދީފައެވެ. ވޯޓުގައި ވަކި ގޮތަކަށް ނުފެންނަ ކަމަށް އެމެރިކާޢިން ވޯޓު ދިން އިރު، އެ ގަރާރާ ދެކޮޅަށް އެމެރިކާއިން ވީޓޯއެއް ނުކުރެއެވެ.
ނިއުޔޯކްގައި ހުންނަ، އދގެ ރާއްޖޭގެ ދާއިމީ މަންދޫބު އަހްމަދު ސަރީރު ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރީ ތާރީޚީ ނިންމުމެއް ކަމަށާއި، އިސްރާއީލުން އެގައުމުގެ ރައްޔިތުން ފަލަސްތީނުގައި ވަޒަންވެރި ކުރުވުން ހުއްޓުވުމަކީ އިސްރާއީލާއި ފަލަސްތީނު ދެ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ލާޒިމު ކަމެއް ކަމަށެވެ.
ރާއްޖޭގެ ޚާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރޭގެ ގަރާރަކީ، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނައުމަށްޓަކައި އދގެ ސަލާމަތީ މަޖިލީހުން އިސްނަގައިގެން އެޅި ތާރީޚީ ފިޔަވަޅެއް ކަމަށެވެ.
އިސްރާއީލާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްކުރި ނަމަވެސް، އިސްރާއީލުގެ ފަރާތުން މިކަމާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެ ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި ވިދާޅުވެފައެވެ.
އަދި އެ ގަރާރު އދގެ ސަލާމަތީ މަޖިލީހަށް ވެއްދި ނިއުޒިލެންޑާއި ސެނެގޯލްގައި ތިއްބަވާ އިސްރާއީލުގެ ސަފީރުން އަނބުރާ ގައުމަށް ގެންދަވައި، ސެނެގޯލްއަށް އިސްރާއީލުން ފޯރުކޮށްދޭ އެހީތައް ކަނޑާލުމަށް އެގައުމުން ވަނީ ނިންމާފައެވެ.
އެމެރިކާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި، ނަތަންޔާހޫ ވިދާޅުވި ގޮތުގައި އެމެރިކާގެ މިހާރުގެ ސަރުކާރު ވަނީ އދގައި އިސްރާއީލު ރައްކާތެރިކޮށްދިނުމަށް ފޭލު ވެފައެވެ. އަދި އެ ގަރާރާ ގުޅޭ މަސައްކަތް އެމެރިކާއިން އަޑިއަޑިން ކުރިކަމަށް ތުހުމަތު ކުރައްވަމުން، ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ޤުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ވަނީ ދެބައިކޮށް، ދެގައުމަށްވެސް އެ ސިޓީގެ ބައެއް ދީފައެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ. އިރުމަތީ ގުދުސްގައި، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމުގައިވާ، މަސްޖިދުލް އަޤްސާ ހުންނަ އިރު، ހަމަ އެތަނުގެ ކައިރިން، އިރުމަތީ ޤުދުސްގައި ޔަހޫދީ ދީނުގެ މުގައްދަސް ބިނާއެއް ކަމުގައިވާ ހުޅަނގު ފާރު ނުވަތަ ވެސްޓަން ވޯލް، އަދި ނަސާރާ ދީނުގެ މުގައްދަސް ފައްޅިއެއްވެސް ހުރެއެވެ.
ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފައެވެ. އެއާ އެކު މަސްޖިދުލް އަގްސާވެސް ހިމެނޭ ގޮތަށް، ގުދުސްގެ ގަދީމީ ޝަހަރު (ބަލްދަ އަލް ޤަދީމާ) ދިޔައީ އިސްރާއީލުގެ ދަށަށެވެ. މީގެ އިތުރުން ފަލަސްތީނަށް ލިބުނު ބިމެއް ކަމުގައިވާ، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ ބޮޑު ބައެއްވެސް އިސްރާއީލުން ވަނީ ހިފައިފައެވެ.
އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި، ގާނޫނުތަކާއި ގަވައިދާ ޚިލާފަށް ފަސް ލައްކައެއްހާ އިސްރާއީލު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ.