24 Dec 2016, 16:42
އަލް ގުދުސް (ޑިސެމްބަރު 24): ފަލަސްތީނުގައި އިސްރާއީލުން ގެދޮރު އެޅުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ބޯނުލަނބާނެ ކަމަށް އިސްރާއީލުން ބުނެފި އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަލާމަތީ މަޖިލީހުން އެފަދަ ގަރާރެއް ފާސް ކުރުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި "ސީރިއާގައި ބައި މިލިއަން މީހުން މެރުން ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން އެއްވެސް ކަމެއް ނުކުރާ ވަގުތެއްގައި އެ މަޖިލީހުން ވަނީ މެދުއިރުމަތީގައި އޮތް ހަމައެކަނި ރަނގަޅު ޑިމޮކްރަސީއާ ދެކޮޅުވެފައި" ކަމަށް ވިދާޅުވެފަ އެވެ.
ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންގެ ތާއިދާއެކު ރޭ ފާސްކުރި ގަރާރުގައި ވަނީ "އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގެދޮރު އެޅުން" ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި އެ ސަރަހައްދުތަކުގައި ގެދޮރު އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށާއި އެއީ ދެ ދައުލަތް ގާއިމުކޮށްގެން ސުލްހަ ގެނައުމަށް ހުރަސް އެޅޭ އަމަލެއް ކަމަށް ބުނެފަ އެވެ.
އދގެ ސަލާމަތީ މަޖިލީހަށް އެންމެ ފުރަތަމަ އެ ގަރާރު ހުށަހެޅީ މިސްރުންނެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ޕްރެޝަރުގެ ސަބަބުން ގަރާރު އަނބުރާ ގެންދިޔައީ އެވެ. އޭގެ ފަހުން މަޖިލީހަށް ގަރާރު ހުށަހެޅީ މެލޭޝިއާ، ނިއު ޒީލޭންޑް، ސެނެގާލް އަދި ވެނެޒުއޭލާ އެވެ.
އިސްރާއީލާ ދެކޮޅަށް ފާސްކުރާ ގަރާރުތަކާ ދެކޮޅަށް މީގެ ކުރިން އެމެރިކާ އިން ފިޔަވަޅު އެޅި ނަމަވެސް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އެ ގަރާރު ވީޓޯ ކުރުމަށް މިފަހަރު ދެކޮޅު ހަދައިފަ އެވެ. ސަލާމަތީ މަޖިލީހުގައި ގަރާރު ފާސްކުރުމަށް ބޭއްވި ވޯޓުގައި އެމެރިކާއިން ބައިވެރިވެފައި ނުވެ އެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާއިން އިސްރާއީލް ރައްކާތެރި ކުރުމުގެ ބަދަލުގައި އދ. އާ އެއްބައިވެގެން، އިސްރާއީލާ ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅި ގައުމުތަކުގެ ތެރެއިން ނިއު ޒީލޭންޑާއި ސެނެގާލްގައި ހުންނަ ސަފީރުން އަނބުރާ ގައުމަށް ވަޑައިގަތުމަށް އިސްރާއީލުން ވަނީ އަންގައިފަ އެވެ. އަދި ސެނެގާލްއަށް ފޮނުވާ ހުރިހާ އެހީގެ ޕްރޮގްރާމްތައް ހުއްޓާލާނެ ކަން އިއުލާންކޮށްފަ އެވެ. ގަރާރު ހުށަހެޅުމުގައި ދެން ބައިވެރިވީ މެލޭޝިއާ އާއި ވެނެޒުއޭލާ އެވެ. އެ ދެ ގައުމާއި އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތަކެއް ނޯވެ އެވެ.(ބީބީސީ)