25 Dec 2016, 09:33
ހަލަބޮލި ދުނިޔޭގައި އުޅޭ އިރު، އަނެކާ އާމެދު ވިސްނާލާނެ ފުރުސަތު މިހާރު ގިނަ މީހުންނަކަށް ނުލިބެ އެވެ. ކޮންމެ ދުވަހަކު މަގުމަތިން ފެންނަ ދުވަސްވީ މީހާގެ ހާލު އަހާލާނެހާ ވަގުތު ވެސް ނުވެ އެވެ. އަދި އަމުދުން ގާތް މީހެއް ނޫން ކަމުގައިވާ ނަމަ، އެހީގެ އަތެއް ދިއްކޮށްލުމަކީ ވެސް މިހާރު ގިނަ މީހުންގެ ކިބައިން ފެންނަ އާދައެއް ނޫނެވެ.
ކަން މިހެން އޮތް ކަމުގައިވީ ނަމަވެސް، އިންސާނިއްޔަތު ކަމުގެ ނަމޫނާ ދައްކާ މީހުން މިހާރު ވެސް މަދުން ނަމަވެސް ފެނެ އެވެ. އެފަދަ މީހުންގެ ވާހަކަތައް އަޑު އިވެ އެވެ. އަދި އެހެން މީހުންގެ ހައްގުގައި މުޅި ދިރިއުޅުން ހޭދަ ކުރާ މީހުންގެ ވާހަކަތައް އިވި، އަމިއްލަ ދިރިއުޅުން ހޭދަ ކުރެވޭ ގޮތާ މެދު ވިސްނާލަން މަޖުބޫރު ކުރުވަ އެވެ.
ޑރ. ޝިވް ޝަންކަރް ޕްރަސާދްގެ ދިރިއުޅުމުގެ ވާހަކަ އަކީ ވެސް ހަމަ އެފަދަ ވާހަކަ އެކެވެ. ޑރ. ޝިވް ޝަންކަރް މިވަނީ ދިރިއުޅުމަކީ ހަމައެކަނި ފައިސާ ހޯދުން ނޫން ކަމާއި، އޭގެ އިތުރަށް ދިރުއުޅުމަކީ މުޖުތަމައު އަށް ޚިދުމަތް ކުރުން ކަން ސާބިތުކޮށްދީފަ އެވެ.
ޑރ. ޝިވް ޝަންކަރް އަކީ މުޖުތަމައުގެ ކުރިއެރުމާއި ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް އިސްކަންދޭ ފަރާތެކެވެ. އޭނާ އެމްބީބީއެސް ނިންމީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ވޭތުވެ ދިޔަ 30 އަހަރު ވެސް އޭނާ ބަލި މީހުން ބަލައި ސިއްހީ ލަފާ ދެމުން އަންނަނީ އެންމެ 10 ރުޕީޒް އަށެވެ. އެކަމަށް ޓަކައި އޭނާ މަޝްހޫރު ވެފައި ވަނީ ވެސް "10 ރުޕީޒް ޑޮކްޓަރު"ގެ ގޮތުގަ އެވެ.
އިންޑިއާގެ ބިހާރަށް އުފަން ޑރ. ޝިވް ޝަންކަރު، ބިހާރުގައި އޭނާގެ އަމިއްލަ ކްލިނެކެއް ހުޅުވައިގެން ބަލިމީހުން ބަލައި އެމީހުންނަށް ފަރުވާ ދޭތާ މިހާރު 30 އަހަރު ވެފައިވާ އިރު، މިހާރު އެއީ ހޮސްޕިޓަލެކެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ޚިދުމަތްދޭ އެ ހޮސްޕިޓަލުގައި ކޮންސަލްޓޭޝަން ފީގެ ގޮތުގައި ނަގަނީ 10 ރުޕީޒް އެވެ.
އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ޑރ. ޝިވް ޝަންކަރް ބުނެފައި ވަނީ ކްލިނިކްގެ ޚިދުމަތް ފެށީ، އޭނާގެ އެކުވެރި ބައެއް އިތުރު ޑޮކްޓަރުންނާ ވެސް އެކުގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށްދީ، އެންމެނަށް ވެސް އެކަށީގެންވާ އަގެއްގައި ޚިދުމަތް ހޯދޭނެ ތަނެއް ކަމަށް އޭނާ ބުންޏެވެ.
ބިހާރަކީ ކޮރަޕްޝަނާއި، ސްޓާފުންގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ސިއްހީ ފަރުވާ ނުދެވޭ ސްޓޭޓެކެވެ. އެކަމުގެ އެންމެ ބޮޑު ތަކުލީފެއް ލިބެނީ ފަގީރު އާއިލާތަކަށެވެ.
އެހެންކަމުން އެ ހޮސްޕިޓަލު ވެގެން ގޮސްފައި ވަނީ، އެންމެ ނިކަމެތި މީހާއަށް ވެސް ޑޮކްޓަރަށް ދައްކައި، ރަނގަޅު ސިއްހީ ލަފާ ހޯދޭނެ ތަނަކަށެވެ. އަދި އެ ޑިސްޓްރިކްޓުގައި ވެސް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަނީ އެ ހޮސްޕިޓަލުންނެވެ.
އޭގެ އިތުރުން، ކޮންމެ މަހެއްގެ 25 ވަނަ ދުވަހަކީ އެ ހޮސްޕިޓަލުގައި ހިލޭ މެޑިކަލް ކޭމްޕް ވެސް ކުރިއަށް ގެންދާ ދުވަހެކެވެ. އެ ކޭމްޕުތަކުގައި، ޑެންޓަލް ޗެކްއަޕް އާއި، ލޭގެ ޕްރެޝަރު ބެލުމާއި އެހެނިހެން ވެސް މުހިންމު ޓެސްޓުތައް ހެދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެ އެވެ.
ޑރ. ޝިވް ޝަންކަރް ބުނީ، ފަރުވާ ހޯދަން އެ ހޮސްޕިޓަލަށް އަންނަ ކޮންމެ މީހަކަށް ވެސް އެންމެ ރަނގަޅު ޚިދުމަތާއި ފަރުވާ ފޯރުކޮށްދިނުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އަމާޒު ކަމަށެވެ.
ޑރ. ޝިވް ޝަންކަރް ވަނީ އެ ހޮސްޕިޓަލު ވުޖޫދުވި މަގްސަދު ހާސިލް ކުރުމަށް އޭނާގެ ސްޓާފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށްފަ އެވެ.