24 Dec 2016, 17:05
އެމެރިކާގައި އުފައްދާ އެންމެ މަތީ ޓެކްނޮލޮޖީގެ އަސްކަރީ މަތިންދާ ބޯޓުތައް އިސްރާއީލުން ހޯދައި އަރަބިންނާއި މުސްލިމުންނާ ދެކޮޅަށް އަސްކަރީ ބާރު ގަދަކުރަމުން ގެންދާއިރު އިސްރާއީލުގެ ރައްޔިތުން ދުވަހެއް ދުވަހަކަށް ފަގީރުވަމުންދާކަން ހާމަވެއްޖެއެވެ.
އިސްރާއީލު އެންމެފަހުން ހޯދީ އެމެރިކާގައި އެންމެފަހުން އުފެއްދި އެފް 35 ގެ ފައިޓަރޖެޓް މަތިންދާބޯޓެވެ. މީގެ ފުރަތަމަ ޝިޕްމަންޓް އިސްރާއީލުން ގަތީ އެމެރިކާގެ ސިފައިންނަށްވެސް މިބޯޓު ލިބުމުގެ ކުރިންނެވެ. ގަޑިއަކު ދެހާސް ކިލޯމީޓަރުގެ ބާރުމިނުގައި އުދުހުމުގެ ގާބިލްކަން ލިބިފައިވާ މިމަރުކާގެ ބޯޓެއް އަގަކީ ގާތްގަނޑަކަށް 150 މިލިޔަން އެމެރިކާ ޑޮލަރެވެ. މީގެ 20 ބޯޓު ގަތުމަށް އިސްރާއީލުން އެދިފައިވާއިރު މީގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ އިސްރާއީލަށް ފޯރުކޮށްދީފައެވެ.
އިސްރާއީލުން އެމެރިކާގެ ހަތިޔާރުތައް ގަންނަމުން ގެންދަނީ އެމެރިކާގެ ހިލޭ އެހީއާއި އެމެރިކާގެ ލޯންއެހީއާވެސް އެކުގައެވެ. އެމެރިކާއިން އިސްރާއީލަށްދެނީ އަހަރެއްގެ މައްޗަށް 3 ބިލިޔަން ޑޮލަރަށް ވާވަރުގެ އަސްކަރީ އެހީއެވެ. މިފައިސާއިން ނުފުދިއްޖެ ޙާލަތެއްގައި އިސްރާއީލަށްޖެހެނީ އަމިއްލައަށް ޚަރަދު ކުރާށެވެ. ނަމަވެސް ހަތިޔާރު ގަތުމަށް އެމެރިކާގެ ލޯންއެހީވެސް އިސްރާއީލަށް ވަރަށް ފަސޭހައިން ލިބެއެވެ.
އެމެރިކާގައި އުފައްދާ އެންމެ މަތީ ޓެކްނޮލޮޖީގެ އަސްކަރީ ހަތިޔާރުތައް އިސްރާއީލުން ހޯދަނީ ފަލަސްތީނު އަޅުވެތިކޮށް ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެވޭނީ މިގޮތަށް ހަތިޔާރު ހޯދައިގެން ކަމަށްވާތީއެވެ. ނަމަވެސް މިކަމުގެ އަގު އިގްތިސާދީގޮތުން ވަރަށް ހިތި ގޮތަކަށް އިސްރާއީލުގެ ރައްޔިތުން ދައްކަންޖެހެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އިސްރާއީލު ކުރަމުންގެންދާ ޢަސްކަރީ ޚަރަދުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން ދުވަހެއް ދުވަހަކަށްދަނީ ފަގީރުވަމުންނެވެ. އިސްރާއީލުގެ އިގްތިސާދު ދިރާސާ ކުރާ އެގައުމުގެ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ "ލެނިޓް" ގެ ރިޕޯޓެއް ބުނާގޮތުން 2005 ގައި އިސްރާއީލުގައި ފަގީރުންގެ ނިސްބަތަކީ 22 އިންސައްތައެވެ. ނަމަވެސް 2015 ގައި މިނިސްބަތްވަނީ 29 އިންސައްތައަށް މައްޗަށް ގޮސްފައެވެ. މިރިޕޯޓްގައިވާގޮތުން އިސްރާއީލުގެ ކޮންމެ ސަތޭކަ މީހެއްގެ ތެރެއިން 29 މީހުންނަކީ ފަގީރުންނެވެ. މީގެތެރެއިން 20 އިންސައްތައަކީ ސަރުކާރުގެ ހިލޭއެހީއާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީ ލިބިގެންނޫނީ ބަނޑު ފުރާނަ މުއްތިވެސް ނުކުރެވޭ ހާލަތުގެ ފަގީރުންނެވެ. އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) ގެ ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގެ ތެރޭގައި ފަގީރުން އެންމެ ގިނައީ އިސްރާއީލުގައެވެ.

އިސްރާއީލުގެ ފަގީރުން މަގުމަތީގައި ނިދަނީ އިސްރާއީލުގައި ފަގީރުންގެ އަދަދު ދަނީ އިތުރުވަމުން
އެމެރިކާގައި އުފައްދާ އެންމެ މަތީ ޓެކްނޮލޮޖީގެ އަސްކަރީ ހަތިޔާރުތައް ހޯދައި އަވަށްޓެރި އަރަބި ގައުމުތަކަށްވުރެ އަސްކަރީ ޓެކްނޮލޮޖީގައި އިސްރާއީލު ކުރި ހޯދާފައިވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ފަލަސްތީނުގެ ބިންތަކާއި ސޫރިޔާއާއި އުރުދުންގެ ބައެއް ބިންތައް ގަދަބާރުން ހިފައިގެން ދެމިއޮތުމުގެ ފުރްސަތު އިސްރާއީލަށް ލިބިފައިވެއެވެ. އަދި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކާއި އިސްތިޢްމާރީ ހަރަކާތްތައް ހިންގައި އެގޮތުގައި ކުރުމުއްދަތަކަށް ދެމިއޮތުމުގެ ފުރްސަތު ވެސް އިސްރާއީލަށް ލިބިފައިވެ އެވެ. މިއީ ހަގީގަތެކެވެ.
ނަމަވެސް މީގެމާނައަކީ އިސްރާއީލަކީ އަސްކަރީގޮތުން މާބާރު ގަދަ ގައުމަކަށް ވުމެއްނޫނެވެ. އިސްރާއީލަކީ ކިތަންމެ ވަރުގަދަ ހަތިޔާރު ހުރި ގައުމެއް ނަމަވެސް ހަގީގަތުގައި އަސްކަރީ ބޮޑު ބާރެއް ނޫނެވެ. މިކަން އެނގެނީ މިފަހަކަށް އައިސް އިސްރާއީލުކޮށްފައިވާ ހަނގުރާމަ ތަކުންނާއި އެމެރިކާގެ ސިޔާސީ އަދި ސްޓްރެޓީޖިކް ހިމާޔަތާ ނުލައި އިސްރާއީލުގެ ދައުލަތް ދެމިނޯންނާނެކަން ޚުދު އިސްރާއީލު ވެސް ގަބޫލުކުރާތީއެވެ.
އިސްރާއީލުގެ ވަށައިގެންވާ އަރަބި ގައުމުތަކަކީ ހުރިހާ ގޮތަކުންވެސް އިގްތިސާދީ ވަސީލަތްތައް އިސްރާއީލަށްވުރެގިނަ އަދި އާބާދީވެސް އެތަށް ގުނައެއް ބޮޑު ގައުމުތަކެވެ. އިސްރާއީލުގައި އެމެރިކާގެ ޒަމާނީ ހަތިޔާރު ގިނަވެފައި އިސްރާއީލުގެ ޓެކްނޮލޮޖީ ބާރުގަދަވިޔަސް އިސްރާއީލަކީ އެމެރިކާގެ ސްޓްރެޓީޖިކް އެހީއާނުލައި އަރަބި އެއްވެސް ގައުމަކާ ހަނގުރާމަކޮށްގެން ގަދަވެރޭވަރަށްވުރެ ކުޑަ، ވަސީލަތްތައް މަދު އަދި ކުޑަ ބަލިކަށި ގައުމެކެވެ.
މާޒީގައި އަރަބި ގައުމުތަކާއި އިސްރާއީލާ ދެމެދު ސީދާ ގޮތެއްގައި ހަނގުރާމަ ހިނގި ކޮންމެފަހަރަކު ބަލިވެފައިވަނީ އަރަބި ގައުމުތަކެވެ. ގަދަވެފައި ވަނީ އިސްރާއީލެވެ. ނަމަވެސް އަރަބި ސަރުކާރުތަކުގެ ބަދަލުގައި އަރަބި ހަނގުރާމަވެރި ޖަމާއަތްތަކާ ޖެހުމުން މިހާރު ބަލިވަނީ އިސްރާއީލެވެ. ގަދަވަނީ އަރަބި ޖަމާއަތްތަކެވެ. ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ވަނީ މިކަން ޢަމަލީގޮތުން އެތަށްފަހަރަކު ދައްކާފައެވެ. މިދެ ޖަމާއަތާ ދެކޮޅަށް އިސްވެ ހަނގުރާމަ ފަށާކަށް މިހާރު އިސްރާއީލަކަށް ނުކެރެއެވެ.
2014 ވަނަ އަހަރު އިސްރާއީލުން ޙަމާސް ޖަމާއަތާ ދެކޮޅަށް ފެށި ޣައްޒާގެ ހަނގުރާމައިން ވެސް ހާސިލް ކުރަން ބޭނުންވި އެއްވެސް މަގްސަދެއް އިސްރާއީލަށް ޙާސިލް ކުރެވިފައެއް ނުވެއެވެ. އާދައިގެ ހަތިޔާރުކޮޅެއް ގެންގުޅޭ ހަމާސްވަނީ އެމެރިކާގެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން މެދުއިރުމަތީގައި މާބާރުގަދަކަމަށް ޕްރޮޕަގެންޑާކުރާ އިސްރާއީލާ އަސްކަރީ ގޮތުން ތިލަފަތް ހަމަގޮތެއްގައި އެތަށް ހަފްތާއެއްވަންދެން ހަނގުރާމަކޮށްފަ އެވެ. އަދި ޙަމާސްއިން ވަނީ އިސްރާއީލުގެ އެއްވެސް މަގްސަދެއް ހާސިލް ވިޔަނުދީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް މަޖްބޫރުވެސް ކުރުވާފައެވެ. 2014 ގެ ހަނގުރާމަ ހުއްޓާލިއިރު ޣައްޒާގެ އެއްވެސް ބިމެއް އިސްރާއީލަށް ހިފިފައެއްނުވެއެވެ. އެހަނގުރާމައިގާ ޣައްޒާއަށް އެއްގަމު މަގުންވަންނަން އުޅުނު އިސްރާއީލުގެ ސިފައިން ވެސް ވަނީ އިނދަޖެހިގެން އަނބުރައި ޣައްޒާއިން ސިއްރިޔާތުގައި ފާބާފައެވެ.
2014 ގައި ޙަމާސް ނައްތާލުމަށްފަހުގައި ނޫނީ ހަނގުރާމަ ހުއްޓާނުލާނެކަމަށް ބުނި އިސްރާއީލަށް ހަމާސްގެ އެންމެ ވިންގެއްވެސް ބަލިކޮށެއް ނުލެވުނެވެ. ހަމާސްގެ ބިންގަރާސްތައް ވެސް ހަލާކުކޮށެއް ނުލެވުނެވެ. އިސްރާއީލަށް ވީކަމަކީ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ގެތަކަށް ޙަމަލާދީ އާންމުން ޝަހީދުކޮށް އިމާރާތްތައް ތަޅައި ސުންނާފަތި ކުރުމެވެ. ހަމާސްގެ ހަނގުރާމަވެރިން ކުޑަކޮށް ވެސް ބަލިކޮށެއް ނުލެވުނެވެ. އަދި ހަމާސްއިން ތަކުރާރުކޮށް އިސްރާއީލުގެ ރަށްތަކަށް ދެމުން ގެންދިޔަ ރޮކެޓް ހަމަލާތަކެއް ވެސް އެއްވެސް ވަރަކަށް ނުހުއްޓުވުނެވެ. އަދި އެ ހަމަލާތައް މަދެއްވެސް ނުކުރެވުނެވެ.
2014 ގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް މަޖްބޫރުވީ ހަމާސްގެ އެތަށް ސަތޭކަ ރޮކެޓެއްގެ ހަމަލާތަކެއްގެ ސަބަބުން އިސްރާއީލުގެ ރަށްތަކާއި އަވަށްތައް ހަލާކުވެ އެތަންތަނުގެ ރައްޔިތުން ރެފިއުޖީންނަށް ވާންފެށުމުން އެކަމަށް ކެތްނުކުރެވިގެންނެވެ. ހަމާސްއިން އަމިއްލައަށް އުފައްދާ ޑްރޯން މަތިންދާ ބޯޓުތައް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ މަތިންނާއި އިސްރާއީލުގެ ދިފާއީ ވުޒާރާ އާއި އަސްކަރީ އެންމެ މަތީ ކޮމާންޑް ސެންޓަރުތަކުގެ މަތިން އުދުހި ޖާސޫސުކުރިއިރު އެކަންވެސް އިސްރާއީލަށް ހުއްޓިފައެއް ނުވެއެވެ.
2005 ވަނަ އަހަރު ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ކުރި ހަނގުރާމައިގާވެސް އިސްރާއީލަށްވީ މިވަރެވެ. ހައެއްކަ ދުވަހުގެ ތެރޭގައި ހިޒްބުﷲ ނައްތާލާނެކަމަށްބުނެ ހިޒްބުﷲ އާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމަ ނިމިގެންދިޔައީ އިސްރާއީލުގެ އެއްވެސް މަގްސަދެއް ހާސިލްނުވެ ހިޒްބުﷲ އޭގެ އެންމެ ގަދަފަދަ ހާލަތުގައި އޮވެގެންނެވެ. އެމެރިކާގެ ސްޓްރެޓީޖިކް މަދަދާއި ހިމާޔަތާއެކުވެސް އިސްރާއީލަށް ވީވަރަކީ މިއީއެވެ. ހިޒްބުﷲ ގެ އެތަށް ހާސް ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ އެތަށް ރަށަކަށް އަރައި އެ ރަށްތަކުގެ އެތައް ސަތޭކަ ގެއަކާއި އިމާރާތްތަކެއް ހަލާކުވިއެވެ. އިސްރާއީލުގެ އެތަށް ހާސްބަޔަކު ރެފިއުޖީންނަށްވިއެވެ. ގިނައަދަދެއްގެ ފެކްޓަރީތައް ހަލާކުވިއެވެ. މީގެބަދަލުގައި އިސްރާއީލަށް ކުރެވުނު ކަމަކީ ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައްދީ އިމާރާތްތަކާއި ގެދޮރު ހަލާކުކޮށް ލުބްނާނުގެ އާންމުން ޝަހީދުކުރުމެވެ. ހިޒްބުﷲ އަށް ކަމެއްވާވަރެއް އިސްރާއީލަކަށް ނުވިއެވެ.
ހަމާސް އިންވެސް އިސްރާއީލާ ކުރިމަތިލާން ދަސްކުރީ ހިޒްބުﷲ ގެ ހުނަރުތަކާއި ތަޖްރިބާތަކުގެ ބޭނުން ހިފައިގެންނެވެ. 2014 ގެ ޣައްޒާގެ ހަނގުރާމައިގަ އާއި އޭގެ ކުރިން ޣައްޒާއާ ދެކޮޅަށްކުރި ހަނގުރާމައިގާވެސް ޙަމާސްއިން އިސްރާއީލާ ދެކޮޅަށް ބޭނުންކުރީ ހިޒްބުﷲގެ ހުނަރުތަކާއި ތަޖްރިބާއެވެ. ހިޒްބުﷲ ގެ އީމާނާއި އަސްކަރީ އަގީދާއެވެ. މިއާއެކު ހިޒްބުﷲ އާ ދެކޮޅަށްވެސް އަދި ހަމާސްއާ ދެކޮޅަށްވެސް ހަނގުރާމަފަށަން މިހާރު އިސްރާއީލު ވަރަށް ބޮޑަށް ޖެހިލުންވެއެވެ. ކާމިޔާބު ނުލިބޭނެކަން އިސްރާއީލަށް އެނގެއެވެ. ޚާއްސަކޮށް ސޫރިޔާގައި މިހާރު ހިނގާފަދަ ދިގުލީ ހަނގުރާމައެއްގައި އިސްރާއީލަކަށް ކެތްކޮށެއް ނުލެވޭނެއެވެ.
އަނެއްކޮޅުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ހަމަލާދޭނެ ކަމަށްބުނެ 10 އަހަރުވަންދެން އިންޒާރުދެމުން ގެންދިޔައިރުވެސް އީރާނާ ކުޅެލާކަށްވެސް އިސްރާއީލަކަށް ނުކެރުނެވެ. އިސްރާއީލުގައި ހުރި އެމެރިކާގެ މަތީފެންވަރުގެ ފައިޓާޖެޓްތަކެއް އީރާންގައި ނެތެވެ. ނަމަވެސް އިސްރާއީލުގެ ކޮންމެ ތަނަކަށް ފަނަރަވަރަކަށް މިނެއްޓު ތެރޭގައި ހަމަލާދެވޭވަރުގެ ބާރުގަދަ ބެލަސްޓިކް މިސައިލް އީރާނުން އަމިއްލައަށް އުފައްދާފައިވެއެވެ. ހިޒްބުﷲ އާއި ހަމާސްގެ އެތަށް ސަތޭކަ ބަޔަކަށް ރޮކެޓް ޓެކްނޮލޮޖީގެ ތަމްރީނާއި އިލްމު އީރާނުން ދަސްކޮށްދީފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކަށްވުރެ ހަތަރުގުނަ ބޮޑު އަސްކަރީ ލަޝްކަރުތައް އީރާންގައިވެއެވެ. އަދި ނިއުކްލިޔަރ ޓެކްނޮލޮޖީވެސް ބޮމެއް ހަދަން ބޭނުންވާނަމަ އެ ފެންވަރަށް އީރާން އަމިއްލައަށް ޙާސިލްކޮށް ފައިވާކަން އިސްރާއީލަށް އެނގެއެވެ. އެހެންކަމުން އީރާނަށް ހަމަލާދީފިނަމަ އީރާނުން އިސްރާއީލުގެ ރަށްތަކަށް ދުރުރާސްތާގެ މިސައިލުން ޙަމަލާދީ އިސްރާއީލުގެ އެތަށް ހާސްބަޔަކު މަރާލާނެކަން އިސްރާއީލު ރަނގަޅަށް ދަނެއެވެ. އެހެންވެ އީރާނުގެ އިތުރުން އީރާނުގެ މަދަދުލިބޭ ހިޒްބުﷲ އާއި ހަމާސް އަށް ހަމަލާދޭކަށް ވެސް އިސްރާއީލަކަށް ނުކެރެއެވެ. ނަމަވެސް އިސްރާއީލުގެ އަވަށްޓެރި އަރަބި ގައުމުތަކަށް ހަމަލާދޭން އިސްރާއީލު ކުޑަކޮށްވެސް ޖެހިލުމެއްނުވެ އެވެ. އަދި އަރަބި ގައުމުތައް ބަލިކޮށްލެވޭނެކަން މިހާރުވެސް އިސްރާއީލަށް އެނގެއެވެ. ސަބަބަކީ އިސްރާއީލާ ކުރިމަތިލުމުގައި ހިޒްބުﷲ އާއި ހަމާސްއާއި އީރާންގެ ހިއްވަރު އަރަބި ގައުމުތަކުގެ ލަޝްކަރުތަކުގައާއި އެގައުމުތަކުގެ ލީޑަރޝިޕްތަކުގައި ނެތްކަން އިސްރާއީލަށް އެނގޭތީއެވެ.
އިސްރާއީލު އަރަބިންގެ މައްޗަށް ގަދަވަނީ އިސްރާއީލަކީ މާވަރުގަދަ ގައުމަކަށްވާތީއެއް ނޫނެވެ. އިސްރާއީލު ގަދަވަނީ އަރަބިންގެ ހިއްވަރު ނެތުމުންނެވެ. މައްސަލައަކީ ހަތިޔާރުގެ މައްސަލައެއް ނޫނެވެ. އިސްރާއީލުގެ ބަލިފަޔަކީ އިސްރާއީލުގެ ވަށައިގެން އަރަބި ގައުމުތައް ތިބުމާއި އިސްރާއީލުގެ އިގްތިސާދު ބަލިކަށިވުމާއި އާބާދީ މަދުވުމެވެ. މިބަލިފައިތައް ދަނެގެން އިސްރާއީލު ބަލިކޮށްލުމަކީ އަރަބިން ގުޅިގެން ކުރެވިދާނެކަމެއްކަމަށް އެމެރިކާވެސް ގަބޫލުކުރެއެވެ. ގަލްފުގެ އަރަބި ގައުމުތަކަށާއި އިރާގާއި ލީބިޔާ ފަދަ އަރަބި ގައުމުތަކަށް ލިބިފައިވާ ގުދްރަތީ މުއްސަނދި ކަމުގެ ދިހަ ޕަސެންޓްވެސް އިސްރާއީލަށް ލިބިފައި ނުވެއެވެ. ނަމަވެސް މިއަދު އެމެރިކާއާއި އިސްރާއީލުވަނީ އަރަބިން ހަލާކުކޮށްލުމަށްޓަކައި އަރަބި ގައުމުތައް ދާޚިލީ ހަނގުރާމަތަކެއްގެ ތެރެއަށް ވައްޓާލާފައެވެ.
އަރަބިންގެ އެތެރޭގައިވާ ހަސަދަވެރިކަން އިސްރާއީލުގެ ދުޝްމަންކަމަށްވުރެ ބޮޑެވެ. އަރަބި ގައުމުތައް ދާޚިލީ ހަނގުރާމަތަކެއްގެ ތެރެއަށް ވައްޓާލުމުގައި އިސްރާއީލާއި އެމެރިކާގެ ރޭވުންތައް ބޮޑު ދައުރެއް އަދާކުރި ނަމަވެސް މިކަމުގެ އެންމެ ބޮޑު މަލާމާތެއް ރައްދުވަނީ ޚުދު އަރަބިންނަށެވެ. އިސްރާއީލުން ރޭވުންތައް ރާވާނެއެވެ. ނަމަވެސް އަރަބިންނަކީ ވިސްނުން ތޫނުބައެއްނަމަ އެރޭވުންތަކުން ސަލާމަތްވާން އެނގުނީހެވެ. މިއަދު އަރަބިންގެ މައްޗަށް އިސްރާއީލު ގަދަވެފައިވަނީ އަރަބިން އަމިއްލައަށް ބަލިކަށިވެފައި ތިބުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިސްރާއީލަކީ އޭގެޒާތުގައި މާބާރުގަދަ ގައުމަކަށް ވާތީއެއް ނޫނެވެ.
މިސާލަކަށް ބަލާނަމަ އެމެރިކާއާއި ތާލިބާނުންނަކީވެސް އަސްކަރީގޮތުން ތިލަފަތް ހަމަވާ ދެފަރާތެއް ނޫނެވެ. ނަމަވެސް ތާލިބާނުންނަކީ ދީނީ ހަރުކަށި ކަމުން ހައްދު ފަހަނަޅާފައިވާ ބައެއްނަމަވެސް އެޖަމާއަތުގެ އަޒުމާއި ހިއްވަރުގެ ސަބަބުން އެމެރިކާއާއި ނޭޓޯވެސް ވަނީ ތާލިބާނުންނާ ކުރިމަތިލައިގެން ނާކާމިޔާބުވެފައެވެ.