ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް )ޑީޕީއާރްއެސް(ގެ ބެލުމުގެ ދަށުން ޖަލުން ދޫކޮށްލާ މީހުންގެ އަތުން ކުރިން އަތުލާފައިވާ ތަކެތީގެ ތެރެއިން ނުގެންގޮސް ހުރިތަކެތި އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ޑީޕީއާރްއެސް އިން ނިންމައި އިއުލާންކޮށްފި އެވެ.

ޑީޕީއާރުއެސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް ހުކުމް ތަންފީޒު ކުރަން ވައްދާ ގައިދީންގެ އަތުން ވަގުތީ ގޮތުން ބެހެއްޓުމަށް އަތުލާ ވަރަށް ގިނަ ތަކެތި އެ ޑިޕާޓްމަންޓްގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ތެރެއިން މިހާރު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންގެ ތަކެތި އާދިއްތަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ގެންގޮސް ނިންމުމަށް ޑީޕީއާރުއެސް އިން ވަނީ އަންގައި އިޢުލާންކޮށްފަ އެވެ.

"ތަކެތި ޑިޕާޓްމަންޓާ ހަވާލު ކުރުމުން ދޫކުރާ ބަންދު މީހުންގެ އަތުން އަތުލެވޭ ތަކެތީގެ ރަސީދާއި އައިޑީކާޑު ތަކެތި ބަލާ ވަޑައިގަންނަވާ އިރު ގެންނަވަން ޖެހޭނެ އެވެ،" ޑީޕީއާރުއެސްގެ އިއުލާންގައިވެ އެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެން ގޮސްފި ނަމަ އެފަދަ ތަކެއްޗާ މެދު ޢަމަލު ކުރުމަށް ގާނޫނާއި ގަވާއިދުގެ ދަށުން ކަނޑައެޅޭ އުސޫލާ އެއްގޮތަށް ޢަމަލު ކުރާނެ ކަމަށް ޑީޕީއާރުއެސް އިން ބުންޏެވެ.

ޑީޕީއާރްއެސް އިން މިދިޔަ ހަފްތާ ތެރޭ ވަނީ އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް، އެމީހުންގެ އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެއްޗާއި އަންނައުނު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ މާލޭގައި ހުންނަ ރިމާންޑް ސެންޓަރުން ކަމަށް އަންގާ އިޢުލާން ކޮށްފަ އެވެ.
ނަމަވެސް ގައިދީންނަށް އާއިލާއިން ފޮނުވާ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކުރިއެކޭ ވެސް އެއްގޮތަށް ޑީޕީއާރްއެސްއިން ކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ.