ވަޒީފާ އަދާނުކުރާ މީހުންނަށް ސަރުކާރުގެ ފަރާތުން އަސާސީ މުސާރައެއް ދިނުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން، އުތުރު ޔޫރަޕުގެ ފިންލެންޑްގައި އެ މަޝްރޫއުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ވިލާތުގެ ބައެއް ގައުމުތަކުން ވަޒީފާ ނެތް ރައްޔިތުންނަށް މުސާރައެއް ދިނުމަށް ނިންމާފައި އޮތް ނަމަވެސް، އެކަމަށް އަމަލީ ސިފައެއް އަދި އައިސްފައެއް ނުވެ އެވެ. އެހެން ނަމަވެސް ޓެސްޓެއްގެ ގޮތުގައި ނަމަވެސް އަމަލީ ސިފައެއްގައި މިކަން ފަށާ ފުރަތަމަ ގައުމަކީ މިއީ އެވެ.

ފިންލެންޑްގެ ސަރުކާރުން ނިންމާފައި ވަނީ، އެގައުމުގައި ވަޒީފާ ނެތް 2،000 މީހަކު ހޮވައި، ދެ އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު، ކޮންމެ މީހަކަށް ވެސް 560 ޔޫރޯ (585 ޑޮލަރު)ގެ މުސާރައެއް ދޭށެވެ. މި އިނާޔަތް ދޭނީ އެއްވެސް ޝަރުތެއް ނުކޮށް ކަމަށް ފިންލެންޑް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ހޮވާ 2،000 މީހުންނަށް، އެ ޕައިލެޓް ޕްރޮޖެކްޓުގައި ބައިވެރި ނުވުމުގެ އިޚްތިޔާރު ނުލިބޭނެ ކަމަށާއި ސަރުކާރުން ކަނޑައަޅާއިފި ނަމަ އެމީހަކަށް ކޮންމެ މަހަކު ސަރުކާރުގެ އިނާޔަތް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އަދި ފައިސާ ލިބުމަށް ހޮވޭ މީހުންނަކީ، ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާ މީހެއްކަން ސަރުކާރަށް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި އެހެން ގޮތަކަށް އާމްދަނީއެއް ލިބުނަސް، ސަރުކާރުންދޭ ފައިސާ ދެ އަހަރުގެ މުއްދަތަކަށް ދެމުން ގެންދާނެ ކަމަށް ފިންލެންޑް ސަރުކާރުން ބުނެ އެވެ.

ފިންލެންޑް ސަރުކާރުން ކުރިޔަށް ގެންދާ މި ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ކަމަށް ފެންނަ ނަމަ، ވަޒީފާ އަދާނުކުރާ އިތުރު މީހުންނަށް ވެސް މި އަސާސީ މުސާރަ ދޭން ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

ފިންލެންޑްގެ ސަރުކާރުން ބުނީ، ދިރާސާއެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓުގެ މަގްސަދަކީ، ސަރުކާރުން މުސާރަ ދިނުމުގެ ސިޔާސަތުގެ ދަށުން، ވަޒީފާ ނެތް މީހުންނަށް ވަޒީފާ ހޯދުމަށް މަގުފަހިވޭތޯ ބެލުމެވެ.

"ސަރުކާރުން ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެކްސްޕެރިމެންޓެއް ކުރިޔަށް ގެންދަން. މީގެ މަގްސަދަކީ އަސާސީ މުސާރައެއް ބޭނުންކޮށްގެން އިޖްތިމާއީ ރައްކާތެރިކަން ރީފޯމް ކުރެވި، ވަޒީފާއާ ގުޅޭ އިނާޔަތްތައް ގެއްލިދާނެތީ ރައްޔިތުންގެ ހިތުގައިވާ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުން،" ފިންލެންޑް ސަރުކާރުން ބުނެ އެވެ.

ފިންލެންޑް ސަރުކާރުން ދެކޭ ގޮތުގައި، އަންއެމްޕްލޯއިމެންޓް ބެނެފިޓްސްގެ ގޮތުގައި ލިބޭ އިޖްތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތައް ގެއްލިދާނެތީ ވަޒީފާ އަދާނުކުރާ ބައެއް މީހުން އުޅެ އެވެ. ސަރުކާރުގެ ވިސްނުމަކީ އެ އިނާޔަތްތައް ގެއްލިއްޖެ ނަމަ، ވަޒީފާ އަދާނުކުރާ މީހުންނަށް ސަރުކާރުންދޭ އަސާސީ މުސާރަ އިން ރައްޔިތުންނަށް އެބައި ހަމަޖެއްސޭނެތޯ ބެލުމެވެ.

ބައެއް ގައުމުތަކުން މީގެ ކުރިން ވެސް ވަނީ މިފަދަ އަސާސީ މުސާރައެއް، ވަޒީފާ އަދާނުކުރާ ކޮންމެ ރައްޔިތަކަށް ދިނުމުގެ ޚިޔާލު ކޮށްފަ އެވެ. އެގޮތުން ސްވިޓްޒަލެންޑްގެ ސަރުކާރުން މިއަހަރުގެ ކުރީކޮޅު ވަނީ، ކޮންމެ ރައްޔިތަކަށް 2،500 ސްވިސް ފްރޭންކްސް ((2،434 ޑޮލަރު)ގެ އިނާޔަތެއް ކޮންމެ މަހަކު ދިނުމަށް ހުށަހަޅައި، ރައްޔިތުންގެ ޚިޔާލަށް އެދިފައެވެ. އެހެން ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރަން ނުފެންނަ ކަމަށް، ސްވިޓްޒަލެންޑްގެ ރައްޔިތުން ވަނީ ވޯޓުން ނިންމައިފަ އެވެ.