24 Dec 2016, 15:03
ނަައިޕީޑޯ (ޑިސެމްބަރު 24): މިޔަންމާގެ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާ އިން ކުރިއަށްގެންދާ އޮޕަރޭޝަނާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދެއްކި ރޮހިންޔާ މުސްލިމެއްގެ ކަރު ބުރި ކޮށްލާފައިވާ ހަށިގަނޑު ދެދުވަސް ފަހުން ފެނިއްޖެ އެވެ.
އުމުރުން 41 އަހަރުގެ ޝާ ނޫ މިޔާރު ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކާފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ރަހީން ސްޓޭޓުގެ ގެތައް އަންދާ ކަމަށާއި މުސްލިމުންނަށް އަނިޔާކޮށް މަރަމުންދާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ރަހީން ސްޓޭޓުގައި ކުރިއަށް ގެންދިޔަ މީޑިއާ ޓުއާއެއްގަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން މިޔާރު ވަނީ "މިޔަންމާގެ އަސްކަރިއްޔާ އާއި ފުލުހުން މުސްލިމުންގެ ގެތައް ނާންދާ ކަމަށާއި، އެއްވެސް މީހަކު ރޭޕްކޮށް، ގަވާއިދާ ހިލާފަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފައި" ކަމަށް މިޔަންމާގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވެ އެވެ.

އދ. އިން ބުނާ ގޮތުގައި އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން 27،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ގޮަސްފައި -- ފޮޓޯ: އޭޕީ
ފުލުހުން ބުނި ގޮތުގައި މިޔާރު ނޫސްވެރިންނާ ވާހަކަ ދެއްކި ފަހުން އޭނާގެ ހަބަރެއް ނުވެގެން މިޔާރުގެ އާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި އިއްޔެ އެމީހުން ދިރިއުޅޭ އަވަށް ކައިރީ އޮންނަ ކޯރަކުން ފެނިފައި ވަނީ މިޔާރުގެ ހަށިގަނޑުކަން އެއަވަށުގެ ރައްޔިތުން ވަނީ މިހާރު ޔަގީންކޮށްދީފައި ކަމަށް ފުލުހުން ބުނެ އެވެ.
އެއީ އަސްކަރިއްޔާ އިން ރަހީން ސްޓޭޓުގެ އުތުރުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމަށް މިދިޔަ އޮކްޓޯބަރު މަހު އެސަރަަހައްދު ބަންދު ކުރި ފަހުން ނޫސްވެރިން އެސަރަހައްދަށް ވެއްދި ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފްތާ ތެރޭގައި އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި އެޖަމްއިއްޔާ އިން ވަނީ މިޔަންމާ އަސްކަރިއްޔާ އިން ދަނީ މުސްލިމުން މަރައި، އަންހެނުން ރޭޕްކޮށް، އެމީހުންގެ އަވަށްތައް އަންދަމުން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން 27،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ގޮސްފަ އެވެ.
ނަމަވެސް ބަންގުލަދޭޝް އިން ދަނީ އެގައުމަށްދާ ރޮހިންޔާ މުސްލިމުން އަނބުރާ ފޮނުވާލަމުން ކަމަށް ވެސް އެމްނެސްޓީގެ ރިޕޯޓުގައިވެ އެވެ.
މިޔަންމާ އަސްކަރިއްޔާ އާއި އަންގް ސަން ސޫޗީގެ ސަރުކާރުން ވަނީ ރަހީން ސްޓޭޓުގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދޮގުކޮށް، އެމީހުންގެ އޮޕަރޭޝަނަކީ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)