24 Dec 2016, 12:59
ށ. ޅައިމަގު އަންހެނެއްގެ މޫނަށް ކެމިކަލް ޖަހައިިފި އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހީމް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި ކެމިކަލް ޖަހާފައި ވަނީ އެ އަންހެންމީހާގެ މޫނަށް ކަމަށެވެ. އަދި މޫނަށް ކެމިކަލް ޖަހާފައި ވަނީ އަންހެން މީހާ ފަތިހު ގޭގެ ދޮރު ހުޅުވާލި ތަނާ ކަމަށެވެ. ނަމަވެސް ޖަހާފައި ވަނީ ކޮންކަހަލަ ކެމިކަލް އެއް ކަމެއް ނޭނގޭ ކަމަށް އަބްދުލްޣަނީ ވިދާޅުވި އެވެ.
"ކެމިކަލް ޖަހާފައި ވަނީ އޭނާގެ މޫނަށް. ކޮންކަހަލަ ކެމިކަލެއް ކަމެއް ނޭނގެ. ނަމަވެސް ވަރަށް ވަސް ވެސް ގަދަ ކެމިކަލެއް އެއީ،" އަބްދުލްޣަނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަންހެން މީހާއަކީ، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމް ކަމަށެވެ. އަދި އެ އަންހެން މީހާގެ ގޭގައި އުޅެނީ އޭނާ އެކަނި ކަމަށް ޣަނީ ވިދާޅުވި އެވެ.
އަބްދުލްޣަނީ ވިދާޅުވީ، އެ އަންހެން މީހާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، ޅައިމަގުގައި އަންހެނެއްގެ ގަޔަށް ކެމިކަލް ކަމަށް ބެލެވޭ އެއްޗެއް ޖެހި ކަމުގެ ރިޕޯޓެއް ހެނދުނު 6:00 ގައި ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ސަން މިއަދު ވިދާޅުވީ ހަލީމާގެ ލޮލަށް ކެމިކަލްގެ އަސަރުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ އަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގެ ވޯޑްގައި އެޑްމިޓްކޮށްގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.