މިލާން (ޑިސެމްބަރު 24): ޖަރުމަނުގެ ވެރިރަށް ބާލިންގެ މާކެޓެއްގައި ލޮރީއަކުން ޖައްސައި 12 މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަނިސް އަމްރީގެ ގަޔަށް އިޓަލީގެ ފުލުހުން ބަޑި ޖަހައި މަރާލައިފި އެވެ.

އިޓާލީގެ އިންޓީރިއާ މިނިސްޓަރު މާކޯ މިނިޓީ ވިދާޅުވި ގޮތުގައި އަމްރީގެ ގަޔަށް ބަޑި ޖަހަން ޖެހުނީ އޭނާ ހިނގާފައި ދަނިކޮށް އައިޑީ ދައްކަން އެދުނު ދެ ފުލުހުންނާ ދިމާލަށް ބަޑި ޖެހުމުންނެވެ.

އޭގެ ތެރެއިން އެއް ފުލުހެއްގެ ގަޔަށް ވަޒަނެއް އެރި ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް މިނިޓީ ވިދާޅުވި އެވެ. އަދި އަމްރީގެ ގަޔަށް ބަޑި ޖަހާފައި ވަނީ ވަޒީފާ އަދާ ކުރަން ފެށިތާ އެންމެ ނުވަ މަސްވީ ފުލުހެއް ކަމަށް މިނިޓީ ވިދާޅުވި އެވެ.

އިޓަލީގެ ނޫސް އޭޖެންސީ އަންސާ އިން ބުނާ ގޮތުގައި އަމްރީ އިޓަލީއަށް ގޮސްފައި ވަނީ ފްރާންސުން ނެގި ރޭލަކުންނެވެ.

ހޯމަ ދުވަހު ބާލިންގެ މާކެޓަށް ހަމަލާދިން ލޮރީން ފެނުނު އިނގިލީގެ ނިޝާނަށް ބެލުމަށް ފަހު ޖަރުމަނު ފުލުހުން ވަނީ އިޓަލީގައި މަރާލާފައި ވަނީ އަމްރީކަން ޔަގީންވާ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގެ ޕްރޮސިކިއުޓަރު ޕީޓާ ފްރޭންކް ވިދާޅުވި ގޮތުގައި އެމައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުގައި ބަލަމުން ދަނީ ބާލިންގައި ހަމަލާ ދިނުމަށް ނުވަތަ ރޭވުމަށް އަދި ފިލައިގެން ދިޔުމަށް އަމްރީއަށް އެއްވެސް މީހަކު އެހީވިތޯ އެވެ.

އައިއެސް އިން ވަނީ އެޖަމާއަތަށް އަމްރީ ތާއިދު ކުރާ ކަމަށް ބުނާ ވީޑިއޯއެއް އާއްމުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ބާލިންގެ ކްރިސްމަސް މާކެޓަށް ހަމަލާ ދޭން އަމްރީ ބޭނުން ކުރީ ޕްލެންޑުން ވަގަށް ނެގި ލޮރީއެކެވެ. ބަޑި ޖަހާ މަރާލާފައިވާ ޑްރައިވަރުގެ ހަށިގަނޑު ވަނީ ލޮރީ ތެރެއިން ފެނިފަ އެވެ.

ޖަރުމަނުގެ ފުލުހުން ދަނީ އިޓަލީގައި އަމްރީ ބޭނުން ކުރި ބަޑި އަކީ ލޮރީގެ ޑްރައިވަރު މަރަން ބޭނުން ކުރި ބަޑިތޯ ބަލަމުންނެވެ.

ތޫނިސްގެ ރައްޔިތެއް ކަމަށްވާ 24 އަހަރުގެ އަމްރީ ވަނީ ގަސްތުގައި މީހެއްގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގައި އިޓަލީގައި ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ. އެއަށް ފަހު އޭނާ ވަނީ ޖަރުމަނަށް ދިޔުމަށް ފަހު އެގައުމުން ހިމާޔަތަށް އެދިފަ އެވެ.

އަދި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ހަތިޔާރު ގަތުމުގެ ބޭނުމުގައި ވައްކަން ކުރަން ރޭވުމުގެ ތުހުމަތުގައި ޖަރުމަނު ފުލުހުން އަމްރީ މޮނިޓާ ކުރި ނަމަވެސް އެކަން ސާބިތުނުވުމުގެ ސަބަބުން ފުލުހުން ވަނީ އޭނާ މޮނިޓާ ކުރުން ހުއްޓާލާފަ އެވެ.

އޭގެ ފަހުން ޖަރުމަނުން ވަނީ އޭނާ ޑީޕޯޓު ކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ތޫނިސް އިން ބައެއް ލިޔެކިޔުންތައް ނުލިބުމުގެ ސަބަބުން އޭނާ ޑީޕޯޓު ނުކޮށް ލަސްވީ ކަމަށް ޖަރުމަނުން ބުނެ އެވެ.

އައިއެސް އިން ވަނީ އަމްރީ އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީއަށް ތާއިދު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް، އެހަމަލާގެ ޒިންމާ ނަގާފަ އެވެ. (ބީބީސީ)