ސިންގަޕޫރުގެ ޒުވާން ބްލޮގް ލިއުންތެރިއާ، އެމެރިކާގެ އިމިގްރޭޝަނުން ހައްޔަރުކޮށްފައިވާ ކަމަށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމް ސިކިއުރިޓީ އިން އިއްޔެ ބުނެފި އެވެ.

އަމޮސް ޔީ، 18، އެމެރިކާގެ ޗިކާގޯ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ، އޭނާ ހިމާޔަތް ހޯދުމަށް އެމެރިކާ އަށް ކުރި ދަތުރުގައި މި މަހު 16 ވަނަ ދުވަހު ކަމަށް، އޭނާގެ މަންމައާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުންޏެވެ. މި އަހަރުގެ ކުރީ ކޮޅު އޭނާ ވަނީ ސިންގަޕޫރުގައި ޖަލަށް ލައިފަ އެވެ.

"އަމޮސް ވަނީ މިހާރު އެމެރިކާގައި ހައްޔަރުކޮށްފައި. އޭނާ ކުރާ ދަތުރަކީ އެމެރިކާ އިން ސިޔާސީ ހިމާޔަތް ހޯދުމަށް ކުރާ ދަތުރެއް. އެ މައްސަލަ މިހާރުވީ އަމޮސްގެ ވަކީލުންނާ ހަވާލުކޮށްފައި. މި މައްސަލައާ ގުޅިގެން އިތުރަކަށް އަހަރެން ޕްރެސްއަކާ ވާހަކައެއް ނުދައްކާނަން." އަމޮސްގެ މަންމަ މެރީ ތޯހް އޭނާގެ ފޭސްބްކް އެެކައުންޓްގައި އިއްޔެ ބުންޏެވެ.

އޮންލައިން ކޮމެންޓަކާ ގުޅިގެން ޔީ ވަނީ ދެ ފަހަރަކު ސިންގަޕޫރު ޖަލަށް ލައިފަ އެވެ. ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުންނާއި އެމެރިކާ އިން އައީ އެ މައްސަލަ ވަރަށް ގާތުން ބަލަމުންނެވެ. އަދި ސިންގަޕޯރުގައި ނޫސްވެރިކަން ފިއްތައި ސެންސާޝިޕް އޮންނަ ވަރު، އެ މައްސަލައާ ގުޅިގެން ވަނީ އިތުރުށް އާންމުވެ، ޑިބޭޓް އުފެދިފަ އެވެ.

ޔީ ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ކަސްޓަމްސް އާޢި އިމިގްރޭޝަން ގާނޫނުގެ ދަށުން ކަމަށް ހޯމް ލޭންޑް ސިކިއުރިޓީ ޑިޕާޓްމަންޓުން ބުންޏެވެ. އަދި ކޯޓުން ގޮތެއް ނިންމަންދެން އޭނާ ހުންނާނީ ބަންދުގަ އެވެ.

ޔީ ހައްޔަރު ކުރީ ކީއްވެ ކަމެއް އަދި އޭނާ ހައްޔަރުކޮށްފައިވާ ތަނެއް އަދި އޭނާ ތަމްސީލު ކުރުމަށް ވަކީލުން ހަމަޖެހިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ހޯމް ލޭންޑް ސިކިއުރިޓީ ޑިޕާޓްމަންޓަކުން ނުބުންޏެވެ.

ޔީގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ސިންގަޕޫރުން ދައުވާ ކުރީ ކްރިސްޓިއަން ދީން އަދި އިސްލާމްދީނާ ބެހޭ ގޮތުން އޭނާ، އޭނާގެ ބްލޮގްގައި ގަސްތުގައި ޕޯސްޓް ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ، ހަ ހަފުތާ އަށް ޖަލަށްލި އެވެ.

މި ދިޔަ އަހަރު ވެސް ޔީ ވަނީ ހަތަރު ހަފުތާ އަށް ޖަލަށް ލައިފަ އެވެ. އެ ފަހަރު ޖަލަށްލީ ސިންގަޕޫރުގެ ފައުންޑާ ލީކްއާންޔޫ އާ ބެހޭ ގޮތުން އޭނާ ކުރި ކޮމެންޓަކާ ގުޅިގެންނެވެ.