20 Jun 2011, 13:19
އިމިގްރޭޝަން ޑިޕާޓްމަންޓް އިން ކުރަމުންދިޔަ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުމާއި ވޯކް ވީސާ ދޫކުރުގެ ހުރިހާ މަސައްކަތްތަކެއް ހިއުމަން ރިސޯސްއަށް އަށް ބަދަލުކުރުމާ ގުޅިގެން އެ ދެއިދާރާގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށް ކެބިނެޓުގައި މަޝްވަރާކުރައްވާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒުހެއިރު ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ހިއުމަން ރިސޯސްގެ ގަވައިދާއި އިމިގްރޭޝަންގެ ގަވައިދާ ފުށުއަރާ ކަމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށާއި އަދި ދެ ގަވައިދު އެކީ ނުހިންގޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވެސް ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން، އެކަމާ ގުޅޭ ގޮތުން މާދަމާ ކެބިނެޓުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
އަދި މާދަމާ އޮންނަ ކެބިނެޓުގެ ބައްދަލުވުމުގެ ހެނދުނުގެ ދަންފަޅީގައި ދެ ގަވައިދުގައި ހުރި ފުށުއެރުންތައް އިސްލާހުކުރުމަށް ގުޅުން ހުރި މިނިސްޓްރީތަކުގެ ފަންނީ ބޭފުޅުންނާ ކެބިނެޓާ ދެމެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ އެކަމާ ގުޅުން ހުރި އޮފީސްތަކުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް މާދަމާ އޮންނަ ކެބިނެޓުގެ ހެނދުނުގެ ދަންފަޅީގައި ނުވަތަ މެންދުރު ފަހު ދަންފަޅީގައި. ދެން ހެނދުނު ދަންފަޅީގައި އޮންނާނެ އެކަމުގައި ފަންނީ ގޮތުން މަސައްކަތްކުރާ އޮފީސްތަކުގެ ބޭފުޅުން ހަމަ ކެބިނެޓު ބޭފުޅުން ތިއްބަވައިގެން މައުލޫމާތުދެއްވުން. އެކަމުގެ ތެރޭގައި ހެން އަޅުގަނޑަށް ހީވަނީ މިހެންހުންނަ ގަވައިދުގައި ފުށުއެރުންތައް ހަމައަކަށް އެޅުވޭނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން ހިދުމަތް ނުލިބިގެން ގިނަ ބަޔަކު ރައީސް އޮފީހަށް ވެސް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.
ބިދޭސީންގެ ޑިޕޮސިޓާއި ވޯކް ވިސާގެ ކަންކަމުގެ އިތުރުން ބިދޭސީންނާ ގުޅޭ 16 ކަމެއް އިިއްޔެއިން ފެށިގެން ކުރަން ފަށާފައިވާ ހިއުމަން ރިސޯސް އަށް ހިދުމަތް ހޯދަން ދިޔަ ބަޔަކު ވަނީ ހިދުމަތް ނުލިބުމުން އެތަނުގައި އަޑުގަދަކޮށް، ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން އެއް މަސައްކަތެއް ކުރާތީ އެމްޕްލޯއިމެންޓް އޭޖެންސީތަކާއި ބިދޭސީން ގެންނަ ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް އޮޅުން އަރައިފަ އެވެ.