ދިވެހީން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރުކޮށް، ކުރާ ހޭދައާ ގުޅޭ ސާވޭ އެމްއެމްއޭއިން ފަށައިފިއެވެ. މި ސާވޭ ކުރިއަށް ދާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލްގެ އެރައިވަލްސް ޓާމިނަލުގައެވެ.

އެމްއެމްއޭއިން ބުނިގޮތުގައި މިއަދުން ފެށިގެން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް މި ސާވޭ ކުރިޔަށް ގެންދާނެއެވެ.

މި ސާވޭގައި އެއްކުރާނީ ރާއްޖެއިން ބޭރުގައި ދިވެހީން ފައިސާ ޚަރަދުކުރާ ގޮތުގެ މައުލޫމާތެވެ.

އެގޮތުން، ދަތުރު ކުރި މައިގަނޑު މަގްސަދާއި، ގައުމާއި، ޓިކެޓުގެ ޚަރަދާއި، ކެއުން ބުއިމާއި ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއާއި ދަތުރުފަތުރަށް ހޭދަކުރި ޚަރަދާއި، މުޅި ދަތުރަށް ޖުމްލަކޮށް ކުރި ޚަރަދުގެ މައުލޫމާތު އެމްއެމްއޭއިން އެއްކުރާނެއެވެ.

އެމްއެމްއޭއިން ބުނީ، ވަކިވަކި ފަރުދުންނާ ގުޅޭގޮތުން އެއްކުރާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ފަހުކޮޅުވެސް މި ސާވޭ ކުރިޔަށް ގެންގޮސްފައިވާ އިރު، އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުގައި ދިވެހީން އެންމެ ގިނައިން ދަތުރުކުރި މަންޒިލުތަކަކީ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑެވެ.

އެގޮތުން، ސްރީލަންކާއަށް އެކި ބޭނުންތަކުގައި ދަތުރުކުރި 1،574 ދިވެހީން އެނބުރި އައިކަން ސާވޭގައި ރިކޯޑުކޮށްފައިވާ އިރު، ބޮލަކަށް އެވަރޭޖްކޮށް 554 ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އިންޑިއާއިން 1،535 ދިވެހީން އައި އިރު، އެވަރޭޖްކޮށް ބޮލަކަށް 524 ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މެލޭޝިއާއިން 222 މީހުން އައި އިރު، ބޮލަކަށް އެވަރޭޖްކޮށް 1،062 ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ތައިލެންޑުން 219 މީހަކު އައި އިރު ބޮލަކަށް އެވަރޭޖްކޮށް 844 ޑޮލަރު ޚަރަދުކޮށްފައިވެއެވެ.