24 Dec 2016, 10:01
އދ. (ޑިސެމްބަރު 24): ފަލަސްތީނުގައި އިސްރާއީލުން ގެދޮރު އެޅުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
އެންމެ ފުރަތަމަ މިސްރުން އެގަރާރު ހުށަހެޅުމުން ގަރާރު އަނބުރާ ގެންދިޔުމަށް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުން ޕްރެޝަރު ކުރުމުން، މިސްރުން ގަރާރު އަނބުރާ ގެންދިޔަ ނަމަވެސް މެލޭޝިއާ، ނިއު ޒީލޭންޑް، ސެނެގާލް އަދި ވެނެޒުއޭލާ އިން ވަނީ އިއްޔެ އަނެއްކާ ވެސް އެގަރާރު ސަލާމަތީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އދ. ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 14 ގައުމަކުން ތާއިދު ކުރި ގަރާރަށް ފަލަސްތީނުގެ ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ. އެގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައި ނުވާ އިރު އެމެރިކާއިން ވޯޓުގައި ބައިވެރިވެފައި ނުވެ އެވެ.
އިސްރާއީލާ ދެކޮޅަށް ފާސްކުރާ ގަރާރުތަކާ ދެކޮޅަށް މީގެ ކުރިން އެމެރިކާ އިން ފިޔަވަޅު އެޅި ނަމަވެސް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އެގަރާރު ވީޓޯ ކުރުމަށް މިފަހަރު ދެކޮޅު ހަދައިފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެގަރާރާ އެއްގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްރާއީލުން ވަނީ ނިއު ޒީލޭންޑާއި ސެނެގާލްގައި ހުންނަ ސަފީރުން އަނބުރާ ގައުމަށް ވަޑައިގަތުމަށް އަންގައިފަ އެވެ. އިސްރާއީލާއި މެލޭޝިއާ އަދި ވެނެޒުއޭލާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތަކެއް ނޯވެ އެވެ.
އެމެރިކާ އިން އދ. އަށް ހަމަޖައްސާފައި ހުންނަ ސަފީރު ސަމަންތާ ޕަވާ ވިދާޅުވި ގޮތުގައި އެމެރިކާ އިން އެގަރާރަށް ތާއިދުކޮށްފައި ނުވަނީ ފަލަސްތީނުގައި އިސްރާއީލުން އަޅާފައިވާ ގެތައް ރޫޅާލުމުގެ ސަބަބުން ސުލްހަ ގާއިމު ކުރެވޭނެ ކަމަށް ނުބެލެވޭތީ އެވެ. އެއާ ހިލާފަށް މައްސަލައިގައި ހިމެނޭ ދެ ފަރާތުން ވެސް އުނދަގޫ ނިންމުންތައް ނިންމަން ޖެހޭނެ ކަމަށް ޕަވާ ވިދާޅުވި އެވެ.
އިސްރާއީލުން 1967ގައި ހުޅަނގު އައްސޭރިއަށް ވެރިވި ފަހުން އެސަރަހައްދުގައި އެގައުމުން އަޅާފައިވާ ގެދޮރުގައި 500،000 ޔަހޫދީން ދިރިއުޅެ އެވެ. (ބީބީސީ)