24 Dec 2016, 10:05
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގައި ކްލިއަރިންގް ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ބަނދަރަށް، ހުޅުމާލެއިން މުވައްޒަފުން ވަރަށް އަވަހަށް ނަގާނެ ކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ޖުނައިދު މީގެ ކުރިން ވަނީ، އެމްޕީއެލްގައި އަންނަ އަހަރުގެ ތެރޭގައި ވިދާޅުވެފަ އެވެ.
ރޭ ޓީވީއެމްއިން ފޮނުވި ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެމްޕީއެލްގެ ސީއީއޯގެ މަގާމާ 300 އާ ވަޒީފާ އުފައްދާފައިވާ ކަމަށާޢި، އަދި އެމްޕީއެލްގެ އާމްދަނީއަށް 18 ޕަސެންޓުގެ ކުރިއެރުމެއް ވެސް ލިބިފައިވާ ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލްގައި ބޭނުން ނުކޮށް ހުރި އެތައް ބައިވަރު ހަރުމުދަލެއް އެބަހުރި ކަމަށާއި އެ މުދަލުގެ ބޭނުންކޮށްގެން އާމްދަނީ އިތުރުކުރެވޭނެ އެތައް ގޮތެއް އެބަހުރި ކަމަށެވެ.
އެގޮތުން، 100 މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން، ހުޅުމާލޭގައި އެމްޕީއެލްއިން ތަރައްގީކޮށްފައިވާ ކޮންޓެއިނާ ކްލިއަރިން ފެސިލިޓީ، ޖުނައިދު ފާހަގަކުރެއްވި އެވެ.
ހުޅުމާލެ ކްލިއަރިންގް ފެސިލިޓީއަށް އެކަނިވެސް 100 އަށް ވުރެ ގިނަ މުވައްޒަފުން ބޭނުންވާނެކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ އެތަނުގައި މަސައްކަތް ކުރުމަށް ޓަކައި، ހުޅުމާލެއިން ވަރަށް އަވަހަށް މުވައްޒަފުން ނަގާނެ ކަމަށެވެ.
"ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިއީ އުފާވެރި ޚާބަރަކަށް ވާނެ. ހުޅުމާލެއިން ވަރަށް އަވަހަށް މީހުން ނަގާނަން މި އޮޕަރޭޝަންތަކަށް،"
ޖުނައިދު ވިދާޅުވީ، ވިޔަފާރިވެރިން ތިބީ ބަނދަރުގެ ޚިދުމަތަށް އެދިއެދި ކަމަށާއި ވިޔަފާރިވެރިންނަށް ފަސޭހަކޮށް ޚިދުމަތް ދޭން ޖެހޭ ކަމަށެވެ.
"ވިޔަފާރިކުރާ މީހުން އެތިބީ އެމްޕީއެލްއިން [ދޭ ޚިދުމަތްތަކަށް] ފައިސާ ދިނުމަށް. އަޅުގަނޑު ދަންނަވާނީ 500 ވަޒީފާ އިތުރުކުރިޔަށް އާމްދަނީ އިތުރުވެގެން ދާނެއޭ،" ޖުނައިދު ވިދާޅުވި އެވެ.