ޕެނަލްޓީ ޝޫޓްއައުޓްގައި ޔުވެންޓަސް ބަލިކޮށް، އިޓާލިއަން ސުޕާ ކަޕްގެ ޗެމްޕިއަންކަން އޭސީ މިލާނުން ހޯދައިފި އެވެ.

ގަތަރުގެ ޖާސިމް ބިން ހައްމާދު ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ޔުވެންޓަސްގެ މައްޗަށް އެންމެ ފަހުގެ އިޓަލިއަން ކަޕްގެ ޗެމްޕިއަން މިލާނުން ކުރި ހޯދީ 4-3 ލަނޑުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އިޓާލިއަން ސުޕާ ކަޕްގައި ޔުވެންޓަސް އާއި އޭޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ އަށް ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާރިއޯ މަންޒޫކިޗް އުފެއްދި އެ ހަމަލާ، މިލާންގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ވަނީ މަތަކޮށްފަ އެވެ. އެ ހަމަލާއަށް ފަހު ލިބުނު ބޯޅައިން ޔުވެންޓަސްގެ މިރަލެމް ޔަނިޗް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޔަނިޗް ނަގައިދިން ކޯނަރަކުން ޔުވެންޓަސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އެވެ.

އިޓާލިއަން ސުޕާ ކަޕްގައި ޔުވެންޓަސް އާއި އޭޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 38 ވަނަ މިނެޓުގައި ސްޕެއިން ފޯވަޑް ސޫސޯ ނަގައިދިން ހުރަހަކުން މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖިއަކޯމޯ ބޮނަވެންޗޫރާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ވެސް 1-1 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެއްވަރުވެފައި އޮތުމުން އެންމެ ފަހުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އިޓާލިއަން ސުޕާ ކަޕްގައި ޔުވެންޓަސް އާއި އޭޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 ލަނޑުން --- ފޮޓޯ/ އޭޕީ

ޕެނަލްޓީ ޝޫޓްއައުޓްގައި މިލާންގެ ބޮނަވެންޗޫރާ އާއި، ޖުރަޖް ކުކާ އާއި، ސޫސޯ އާއި، މާރިއޯ ޕެސަލިޗް ޕެނަލްޓީތައް ކާމިޔާބުކުރި އިރު އެ ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ ޖިއަންލޫކާ ލަޕަޑުލާގެ ޕެނަލްޓީ އެވެ. ޔުވެންޓަސްގެ ކްލައުޑިއޯ މާކީސީއޯ އާއި، ގޮންޒާލޯ ހިގުއައިން އާއި، ސަމީ ކެޑީރާ ޕެނަލްޓީތައް ކާމިޔާބުކުރި އިރު އެ ޓީމުން ނާކާމިޔާބުވީ މާރިއޯ މަންޒޫކިޗް އާއި ޕައުލޯ ޑީބަލާގެ ޕެނަލްޓީ އެވެ.