24 Dec 2016, 09:04
ކޮންމެ ޕްރެޝަރަކާ ކުރިމަތިލާން ޖެހުނަސް، އިނގިރޭސި ކްލަބު ޗެލްސީ އޮތީ އެކަމަށް ތައްޔާރަށް ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު 11 މެޗުން ވެސް މޮޅުވެފައިވާ އިރު، އެ ކްލަބު ތާވަލުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑަކާ އެކު އެވެ.
"މި މަގާމުގައި އޮތުމުން ހިތްހަމަޖެހޭ. މިވަގުތު ތާވަލުގެ ފަހަތުގައި އޮތުމުން ރަނގަޅުވާނެ ކަމަށާއި ކުރީގައި އޮންނަ ޓީމަށް ޕްރެޝަރާ ކުރިމަތިލާން ޖެހޭނެ ކަމަށް މީހުން ބުނި ނަމަވެސް، އެއީ އަހަރެން ގަބޫލުކުރާ ވާހަކައެއް ނޫން. ފަހަތުގައި އޮތުމަށް ވުރެ، ޕްރެޝަރަކާ އެކު އެއް ވަނާގައި އޮތުން މާރަނގަޅު. އަހަރެމެންނަށް މި މަގާމު ހައްގު،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ، ދެން މަސައްކަތްކުރަން ޖެހޭނީ ތާވަލުގެ އެއް ވަނާގައި ދެމިއޮތުމަށް ކަމަށާއި އެއީ ހަމަ ޔަގީނުން ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ސަބަބުތަކަކާ ހުރެ މިހާ ހިސާބަށް އަންނައިރު ތާވަލުގެ އެއް ވަނާގައި ޗެލްސީ އޮވެދާނެ ކަމަށް އެއްވެސް މީހަކު ނުވިސްނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ސީޒަނުގެ ލީގުގެ ކުރީކޮޅު ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެ އެވެ. ޗެލްސީ އަށް ސީޒަން ރަނގަޅަށް ފެށިފައިނުވި ނަމަވެސް، ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދެ އެވެ.