ޢަދާލަތު ޕާޓީގެ ދެ ވަނަ ކޮންގްރެސް އަންނަ މަހުގެ 17 އިން 20 އަށް ފަސްކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީން ބުނީ އެ ޕާޓީގެ ދެ ވަނަ ކޮންގްރެސް ބާއްވާ ތާރީޚް ކަމަށް ކުރިން ކަނޑަ އަޅާފައިވާ ތާރީޚު ފަސް ކުރަން ޖެހުނީ ކޮންގްރެސް ބާއްވަން ހަމަޖެއްސި ދަރުބާރުގޭގެ ހޯލު އިތުރަށް މަރާމާތު ކުރަން ޖެހޭތީ ފުރަތަމަ ކަނޑައެޅި ތާރީޚުގައި ކޮންގުރެސް ނުބޭއްވޭނެ ތީ ކަމަށެވެ. އަދި މިހާރު ހަމަޖައްސާފައިވާ ތާރީޚުގައި ކޮންގުރެސް ބޭއްވެނެ ކަމަށް ސަރުކާރާ އެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން މިހާތަނަށް ވަކިނުވެ އޮތް އަދާލަތު ޕާޓީން ބުންޏެވެ.

ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 3 އިން 6 އަށެވެ.

އަންނަ މަހު އަދާލަތު ޕާޓީގެ ކޮންގުރެސް ބެއްވުމަށް ތައްޔާރީތައް ވަމުން އަންނަ އިރު އެ ޕާޓީގެ ރައީސާ ނައިބު ރައީސް ހޮވުމަށް މިމަހު ނެގި ވޯޓުން އެ ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތު ލިބިގެން ޕާޓީގެ ރައީސްގެ މަގާމަށް އައްޝައިހު އިމްރާން އަބްދުﷲ އަދި ނައިބް ރައީސްގެ މަގާމަށް ޑރ. މައުރޫފް ހުސައިން ވަނީ ހޮވި ވަޑައިގެންފަ އެވެ.
ގިނަ ޕާޓީތައް ވާދަކުރާ ގޮތަށް 2013 ވަނަ އަހަރު ބާއްވާ ދެވަނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމުގެ އިޝާރާތެއް އެ ޕާޓީން މިހާރު ވަނީ ދީފަ އެވެ.

ރިޔާސީ އިންތިހާބު 2008 ގެ ފުރަތަމަ ބުރުގައި އަދާލަތު ޕާޓީން ތާއީދުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީ އޮތީ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ނަޝީދުގެ ފަހަތުގަ އެވެ.