24 Dec 2016, 08:59
މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޕީއެލް އިން ގެންނަން ނިންމާފައިވާ އުޅަނދުތަކުގެ ތެރެއިން 10 އުޅަނދެއް ރާއްޖެ ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހެވީ މެޝިނަރީ އުޅަނދުތައް އުފެއްދުމަށް މަޝްހޫރު ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ އެކު އެއްބަސްވެ މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 22 އުޅަނދެއް ގެންނަން ހަވާލުކުރި އެވެ.
ޖުމްލަ 9.1 އެމެރިކާ ޑޮލަރު (140 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން އަލަށް ގެންނަން ނިންމާފައިވާ އެ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކް ލިފްޓް ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ރޭ ވިދާޅުވީ، ވިޔަފާރި ބަނދަރަށް ގެންނަން ނިންމާފައިވާ އުޅަނދުތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް އިއްޔެ އައިސްފައިވާ ކަމަށެވެ.
އެ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ހަ ރިޗް ސްޓިކާ އުޅަނދާއި 40 ޓަނުގެ ބޮޑު ދެ ފޯކް ލިފްޓް ޓްރަކު އަދި ދެ އެމްޓީ ކޮންޓެއިނަރު ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޕީއެލް އިން ގެންނަން ނިންމާފައިވާ އުޅަނދުތަކުގެ ތެރެއިން އިއްޔެ ރާއްޖެ އައި ބައެއް އުޅަނދުތައް --- ފޮޓޯ/ އެމްޕީއެލް
އުޅަނދުތައް ރާއްޖެ ގެނެސް މިހާރު ކުރިއަށްދަނީ އެ އެއްޗެހި އެސެމްބަލް ކުރުމުގެ މަސައްކަތް ކަމަށާއި އުޅަނދުތައް އެސެމްބަލް ކުރަނީ ވެސް އުޅަނދުތައް ގެންނަން ހަވާލުކުރި ސަނީ ހެވީ އިންޑަސްޓްރީގެ ޓީމަކުން ރާއްޖެ އައިސްގެން ކަމަށް ޖުނެއިދު ވިދާޅުވި އެވެ.
އެގޮތުން، އަންނަ ހަފްތާގެ ތެރޭގައި ފުރަތަމަ އުޅަނދު އެސެމްބަލްކޮށް ހިދުމަތަށް ނެރެވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދެވަނަ ޝިޕްމަންޓުގައި ހިމެނޭ އުޅަނދުތައް ގެނެވޭނެ ދުވަހެއް އަދި އެ އުޅަނދުތަކަށް ފައިސާ ދައްކާ ނިމިފައިވާ ކަމެއް އަދި ސާފެއްނުވެ އެވެ.
ވިޔަފާރި ބަނދަރަށް އާ އުޅަނދުތަކެއް ގެންނަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމަށެވެ.
ނަމަވެސް އެ އެއްޗެހި ގެނައުމުގައި ލަސްތަކެއް ދިމާވެގެން ދިޔައީ އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ވިދާޅުވި ގޮތުގައި، ސަރުކާރުން ޑޮލަރު ހަމަޖެހުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުންނެވެ.