23 Dec 2016, 19:52
ކޮލަމްބިއާ އަށް ދަތުރުކުރަމުން ދަނިކޮށް، މަތިންދާ ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވި ބްރެޒިލް ކްލަބު ޗަޕެކޮއެންސްގެ ޑިފެންޑަރު ނޭޓޯ ވީހާވެސް އަވަހަކަށް އެ ކްލަބަށް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ކޮލަމްބިއާ އަށް ދަތުރު ކުރަމުންދަނިކޮށް، މިދިޔަ މަހު ވެއްޓުނު ބޯޓުން ދަތުރުކުރި 77 މީހުންގެ ތެރެއިން ސަލާމަތްވެފައި ވަނީ ހަ މީހުންނެވެ. އެ ހާދިސާގައި މަރުވި 71 މީހުންގެ ތެރޭގައި ޗަޕެކޮއެންސްގެ ގިނަ އަދަދެއްގެ ޓީމު މެންބަރުން ހިމެނެ އެވެ. ޗަޕެކޮއެންސުން ކޮލަމްބިއާ އަށް ދަތުރުކުރަމުންދިޔައީ ކޮޕާ ސުޑަމެރިކާނާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރުމަށެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލި ނޭޓޯ ބުނީ، އޭނާ އެ ކްލަބަށް ކުޅުން ހުއްޓާލަން ބޭނުންނުވާ ކަމަށެވެ.
ބްރެޒިލްގެ ފުޓްބޯޅަ ޓީމު ޗަޕަކޮއެންސް: ބޯޓު ވެއްޓުނު ހާދިސާގައި އެ ޓީމުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މަރުވެފައި ---
"އަހަރެން އެނބުރި މިއައީ އަހަރެންނަށް އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރުމުގެ ގޮތުން. އަހަރެމެންނާ ވަކިވެދިޔަ މީހުންގެ ވާހަކަ ނުދައްކާ ހުރުމަކީ ވާނެ ކަމެއް ނޫން. އަހަރެންގެ ގިނަ އެކުވެރިންތަކެއް ވަނީ ގެއްލިގެން ގޮސްފައި. އަހަރެން ހަމައެކަނި ހަނދާން ހުރީ މި ގްރޫޕުގެ ރަނގަޅު ހަނދާންތައް. އަހަރެން ވަރަށް އަވަހަށް ޗަޕެކޮއެންސް ޖާޒީގައި ކޮންޑޯ އެރީނާ އަށް ނުކުންނަން ބޭނުން،" ނޫސްވެރިންނަށް މައުލޫމާތުދެމުން ނޭޓޯ ބުންޏެވެ.
ނޭޓޯ ވަނީ އޭނާ އަށް ހެޔޮދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ބޯޓު ވެއްޓުނު ހާދިސާގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.
ޗެޕެކޮއެންސުން އަންނަ މަހުގެ 29 ވަނަ ދުވަހު އިންޓަނޭސިއޮނަލް ޑި ލާގޭސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗަކީ ބްރެޒިލްގެ މުބާރާތަކީ އެންމެ މަތީ ލެވެލްގެ މުބާރާތެއް ކަމަށްވާ ކަމްޕެއޮންނާޓޯ ކަޓަރިނެންސޭގެ މެޗެކެވެ.
އެ މުބާރާތުގެ މެޗުގެ ހަތަރު ދުވަސް ކުރިން ޗަޕެކޮއެންސަށް ފައިސާ ހޯދުމުގެ ގޮތުން ހާއްސަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ޖޮއާން ގެމްޕާ ޓްރޮފީގައި ކުޅޭ އެ މެޗުގައި ސްޕެއިން ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ޗަޕެކޮއެންސް ނުކުތުމަށް ހަމަޖެހިފައިވެ އެވެ.
ޗަޕެކޮއެންސަށް އެހީތެރިވުމުގެ ގޮތުން ކުރީގެ މަޝްހޫރު ބައެއް ފުޓްބޯޅަ ކުޅުންތެރިން އެ ކްލަބަށް ކުޅުމުގެ ވިސްނުން ގެންގުޅެ އެވެ. އޭގެ ތެރޭގައި ބްރެޒިލް ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯނިއޯ އާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ހުއާން ރޯމަން ރިކޭލްމީ ފާހަގަކޮށްލެވެ އެވެ. ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބައެއް ކްލަބުތަކުން ލޯނުގެ ދަށުން ހިލޭ ސާބަހަށް ޗެޕަކޮއެންސަށް ކުޅުންތެރިން ދޫކުރުމަށް ވެސް ނިންމާފައިވެ އެވެ.
ބޯޓު ވެއްޓުނު ހާދިސާގެ ސަބަބުން ސުޑަމެރިކާނާގެ ފައިނަލުގައި ޗަޕެކޮއެންސަށް ވާދަނުކުރެވުނު ނަމަވެސް، ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން އެ ކްލަބަށް ދީފަ އެވެ.