20 Jun 2011, 12:28
ފެކަލްޓީ އޮފް އާޓްސް އިން ހިންގާ ނޫސްވެރިކަމުގެ ޑިޕްލޮމާ ކޯހުގައި ނިއުސް ރިޕޯޓިން އެންޑް ރައިޓިން މާއްދާ ކިޔަވައިދެއްވާ ލެކްޗަރާ އަދި ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިޔުނިކޭޝަންސް އިރުޝާދާ އަބްދުއްސައްތާރު އެ ކޯހުގެ ލެކްޗަރާ ކަމުން ވަކިކޮށްދެއްވައި އެ މާއްދާ ކިޔަވައިދެއްވުމަށް އެހެން ބޭފުޅަކު ހަމަޖައްސަވައި ދެއްވުމަށް އެދި ނޫސްވެރިކަމުގެ ކޯހުގެ ދަރިވަރުން ޔުނިވާސިޓީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ނޫސްވެރިކަމުގެ ޑިޕްލޮމާ ކޯހުގައި ކިޔަވަމުން އަންނަ 16 ދަރިވަރުންގެ ތެރެއިން 11 ދަރިވަރަކު ސޮއިކޮށް އާޓްސް ފެކަލްޓީގެ ޑީން އަބްދުއްރަޝީދު އަލީ އަށް އެޑްރެސްކޮށް ފޮނުވާފައިވާ ހަ ސަފުހާގެ ޕެޓިޝަންގައި އިރުޝާދާ ކިޔަވައިދެއްވުމުގައި އަމަލުކޮށްފައިވާ ގޮތުން އެ ކުދިން ހިތްހަމަ ނުޖެހޭ 11 ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ނޫސްވެރިކަމުގެ ދާއިރާގައި އިރުޝާދާގެ ތަޖުރިބާއެއް ނެތްކަމަށާއި ދަރިވަރުންނާ މެދު ތަފާތު ކުރުން ގެންގުޅުއްވާ ކަމަށާއި އަދި އިސްލާމް ދީނާ ފުށުއަރާ ބައެއް ވާހަކަތައް، ކިޔަވައިދެއްވުމުގައި ދައްކާފައިވާ ކަމުގެ ތުހުމަތުތައް ވެސް ދަރިވަރުން ވަނީ އިރުޝާދާގެ މައްޗަށް އުފުލައިފަ އެވެ.
"... ދެ ވަނަ ސެމިސްޓާގައި އޭނާ ކިޔަވައިދޭން އައުމުގެ ކުރިން ފެކަލްޓީ މެދުވެރިވެގެން ނަމަވެސް، ހައްލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. ސަބަބަކީ އޭނާގެ ބައެއް އަމަލުތަކުގެ ސަބަބުން ގިނަ ކުދިބަޔަކަށް އޭގެ ނޭދެވޭ އަސަރުކުރުމެވެ. އަދި ކުރިއަށް އޮތްތަނުގައި މާބޮޑަށް ނޭދެވޭ އަސަރުކޮށްފާނެތީ އެވެ،" އަދި ބުނަނީ "މިފަދަ ކަންކަމާ ހުރެ އަޅުގަނޑުމެން އެދެނީ މިފެށޭ ސެމިސްޓާގައި 'ނިއުސް ރިޕޯޓިން އެންޑް ރައިޓިން 2' ކިޔަވައިދިނުމަށް އިރުޝާދާ ނޫން އެހެން ބޭފުޅެއް ހަމަޖައްސައިދިނުމެވެ،" އެ ދަރިވަރުންގެ ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރަކު މިއަދު ބުނީ އިރުޝާދާ ލެކްޗަރާ ކަމުން ދުރުކުރުމަށް ޕެޓިޝަނެއް ހުށަހަޅަން ޖެހުނީ 'ނިއުސް ރިޕޯޓިން އެންޑް ރައިޓިން' އަކީ އެކުދިންގެ ކޯހުގެ މުހިންމު މާއްދާއެއް ކަމަށް ވާތީ އެ މާއްދާ ކިޔަވައިދެއްވުމުގައި ގާބިލް ބޭފުޅަކު ހަމަޖައްސަވައި ދިނުމަށް އެދޭތީ ކަމަށެވެ.
"އެ ޕެޓިޝަން މިހާރު ހުށަހަޅައިފިން. އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދިންގެ އިރުޝާދާގެ އަމަލުތައް ހުރި ގޮތުން ހިތްހަމަ ނުޖެހޭތީ ޕެޓިޝަން ހުށަހެޅީ،" ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެ އެވެ.
އެ ކުދިން ވަނީ އެ މައްސަލައަށް ފެކަލްޓީން ހައްލެއް ހޯދައިނުދީފި ނަމަ މައްސަލަ ކޮލެޖް ކައުންސިލަށް ވައްދަން ވެސް ނިންމައިފަ އެވެ.
އެ ޕެޓިޝަންގެ މައްސަލާގައި ނޫސްވެރިކަމުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އިރުޝާދާ ރޭ ވިދާޅުވީ އެ ޕެޓިޝަންގެ މައްސަލައިގާ އޭނާގެ ކޮމެންޓެއް ނެތް ކަމަށާއި އެ މައްސަލައިގާ ކޮމެޓެއް ދެއްވާނީ ފެކަލްޓީން ކަމަށެވެ.
"އަޅުގަނޑާ ކޮންޓްރެކްޓެއް އޮންނަނީ ކޮލެޖާ އެކު. އެ ބޭފުޅުން ކުރެން އެއްސެވުން ރަނގަޅުވާނެ،" އިރުޝާދާ ވިދާޅުވި އެވެ.
ދަރިވަރުންގެ އެ ޕެޓިޝަނާ ގުޅިގެން ފެކަލްޓީގެ ޑީން އަބްދު ރަޝީދު އަލީ މިއަދު ވިދާޅުވީ މީގެ ކުރިން އިރުޝާދާގެ އެއްވެސް މައްސަލައެއް ދަރިވަރަކު ޖައްސާފައި ނުވާ ކަމަށާއި ފީޑް ބެކް ފޯމްތަކުން ވެސް އެކަން ފެންނަން ނެތް ކަމަށެވެ.
"އަޅުގަނޑު ހައިރާންވެފައި މިހުރީ. ފީޑް ބެކް ފޯމްތަކާއި މި ޕެޓިޝަންގައި މިހިރަ އެއްޗިއްސާ މުޅިން ތަފާތު،" އަބްދު ރަޝީދު ވިދާޅުވި އެވެ.
ޑީން ވިދާޅުވީ ކުއްލި އަކަށް ދަރިވަރުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން ފެކަލްޓީން ވަނީ އެ މައްސަލަ ޔުނިވަސިޓީގެ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވަން ނިންމާފައި ކަމަށެވެ.
"ޕެޓިޝަންގައި މީގެ ކުރިން ދަރިވަރުން ކޮށްފައި ނެތް ޝަކުވާތަކެއް ހުރުމާ އެކު އެކަންތައްތައް ބެލުމަށް އަޅުގަނޑުމެން ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވާނަން. މިކަން އަޅުގަނޑުމެން ބަލާނަން." އަބްދުއްރަޝީދު ވިދާޅުވި އެވެ.
އިއްޔެ ފެށި ދެ ވަނަ ސެމިސްޓާގައި އެ މާއްދާ ކިޔަވައިދެއްވުމަށް އިތުރު ބޭފުޅަކު ހަމަޖައްސަވާނެ ކަމެއް ނުވަތަ އެ ސެމިސްޓާގައި އަދި ވެސް ކިޔަވައިދެއްވާނީ އިރުޝާދާ ކަމެއް ނުވަތަ ނޫން ކަމެއް އަބްދުއްރަޝީދު ވިދާޅެއް ނުވި އެވެ.