ރޮމޭނިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މުސްލިމު އަންހެން ބޭކަނބަލަކު އައްޔަންކުރުމަށް އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ހުށަހަޅުއްވައިފިއެވެ.

ސޯޝަލް ޑިމޮކްރެޓް ޕާޓީ (ޕީއެސްޑީ) އިން ހުށަހެޅުއްވީ މައިނޯރިޓީ މުސްލިމް އާބާދީއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އެކޮނޮމިސްޓެއް ކަމަށްވާ، ސެވިލް ޝައިދާގެ ނަންފުޅެވެ.

އާއްމުންގެ ތެރޭގައި މަގްބޫލް ޝަހްޝިއްޔަތަކަށް ނުވި ނަމަވެސް، ޝައިދާ ވަނީ އެގައުމުގެ ރީޖަނަލް ޑެވެލޮޕްމަންޓް މިނިސްޓަރުގެ މަގާމް ހަ މަސް ދުވަސް ވަންދެން އަދާކުރައްވާފައެވެ.

ބޮޑުވަޒީރުގެ މަގާމަށް މުސްލިމު ޝައިދާގެ ނަންފުޅު ހުށަހެޅުއްވުމުން އާބާދީގެ 80 ޕަސެންޓް ކްރިސްޓިއަން މެޖޯރިޓީއެއް އޮންނަ ރޮމޭނިއާގެ ރައްޔިތުންނަށް އެކަންވެގެންދިޔައީ ހައިރާން ކުރަނިވި ކަމަކަށެވެ.

ނަމަވެސް ޝައިދާއަށް އެގައުމުގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ލިބިއްޖެނަމަ އޭނާ ވެގެންދާނީ ރޮމޭނިއާގެ އެންމެ ފުރަތަމަ މުސްލިމް އަދި އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރަށެވެ.

މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޕީއެސްޑީން ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ވޯޓުގެ 45 ޕަސެންޓް ކާމިޔާބުކޮށްފައެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އެލަޔަންސް އޮފް ލިބެރަލްސް އެންޑް ޑިމޮކްރެޓްސް އާއެކު ޕީއެސްޑީ އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ.

ރޮމޭނިއާގެ ގާނޫނު ބުނާގޮތުންނަމަ، އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ރައީސް އައްޔަންކުރައްވާނީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރެވެ.

ނަމަވެސް އިންތިހާބެއްގައި މަގާމުގެ ނުފޫޒާއި ބާރު ބޭނުން ކުރިކަމުގެ ކުށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސާބިތުވެ ޕީއެސްޑީގެ ރައީސް ލިވިއުު ޑްރެގްނީ ވަނީ ބޮޑުވަޒީރުގެ މަގާމަށް ވާދަނުކުރެވޭ ގޮތަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. (އަލްޖަޒީރާ)