ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގައި ފަހަތުންއަރާ އެފްސީ މާފަރު ބަލިކޮށް، ކެނދިކުޅުދޫ އެފްސީން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި މާފަރުގެ މައްޗަށް އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫ މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މާފަރުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި މާފަރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަހްމަދު ހަބީބް (ހަބީ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނދިކުޅުދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ކެނދިކުޅުދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަރީހު އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކެނދިކުޅުދޫން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 52 ވަނަ މިނެޓުގައި ކެނދިކުޅުދުއަށް އިބްރާހިމް މުހައްމަދު ލީޑު ހޯދައިދިން އިރު، މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަރީހު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ ކެނދިކުޅުދުއަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަރީހު އެވެ.

ސެމީގެ ތިން ވަނަ މެޗުގައި އެއްކޮޅުން ނުކުތް ކެނދިކުޅުދޫ އަކީ ސެމީގެ ދެ ވަނަ މެޗުގައި މިލަދޫ އަތުން މޮޅުވި ޓީމެވެ. އަދި މާފަރަކީ ސެމީގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީ އަތުން ބަލިވި ޓީމެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ އެ މުބާރާތުގެ ފައިނަލް މެޗުގައި ކެނދިކުޅުދޫ ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީއާ ދެކޮޅަށެވެ. ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބައިވެރިވާނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.