23 Dec 2016, 20:31
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗަށްފަހު އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ރައްދުދޭނީ ދަނޑުމަތިން ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރާ ސިޓީ މޮޅުވި މެޗުގައި އޮޒިލް އަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުން އޭނާ އަށް ވަނީ މީޑިއާ އަދި ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އޮޒިލް އަށް ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، މި މަހުގެ 26 ވަނަ ދުވަހު ވެސްޓް ބްރޮމްއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި އޭނާ އަށް ތަފާތު ދެއްކިދާނެ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.
"އަހަރެމެންނަށް ކުރިމަތިވާ ފާޑުކިޔުންތައް ބަލައިގަންނަންޖެހޭނެ. މީހުން އެކި ގޮތްގޮތަށް ބެލުމަށްފަހު، ފާޅުކުރަނީ އެމީހެއްގެ ހިޔާލު. ފާޑުކިޔުމަކީ އާންމުކަމެއް. އޮޒިލް އަކީ މުހިންމު ކުޅުންތެރިއެއް، މޮޅު ކުޅުންތެރިއެއް. ދަނޑުމަތީގައި އޭނާ އެކަންކަމަށް ރައްދުދޭނެ،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.
ވެންގާ ބުނީ، އޮޒިލް އަށް އެއްވެސް މިނިވަންކަމެއް ދީފައިނުވާނެ ކަމަށާއި އޮޒިލް ވެސް އެހެން ކުޅުންތެރިންނެކޭ އެއްވަރަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި އޮޒިލްގެ މަސައްކަތް އޭނާ ވަރަށް ރަނގަޅަށް އަދާކުރާ ކަމަށް ވެސް ވެންގާ ބުންޏެވެ.
"އޮޒިލް އަށް އެންމެ ބޮޑަށް ހިތްވަރު ލިބެނީ އޭނާ އަށް ބޯޅަ ލިބުމުން. އޭނާ އަށް ބޯޅަ ނުލިބިއްޖެނަމަ، އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް އޭނާ އަށް އެކަމުގެ އަސަރުކުރޭ. އެކަމަކު ބޯޅަ ނުލިބޭ ހާލަތެއްގައި ބޯޅަ ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ. އަހަރެން ދެކޭ ގޮތުގައި، އޮޒިލް އަކީ އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް ހިތްވަރުކޮށް، ގަދައަޅާ މަސައްކަތްކުރާ ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ސިޓީ އަތުން ބަލިވި މެޗަށްފަހު، އާސެނަލް ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އާސެނަލާއި އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު މިހާރު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.