ޑެންމާކުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރ "ޕްރީމޯ ޓުއާސް"އާ އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓު މޯލްޑިވްސްއާ ގުޅިގެން، ޑެންމާކުން ރާއްޖެއަށް އޮޕަރޭޓުކުރާ ސީޒަނަލް ޗާޓަރ ފްލައިޓުތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފިއެވެ.

ކެނަރީފްގެ ފްރަންޓް އޮފީސް މެނޭޖަރ އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވި ގޮތުގައި، ޑެންމާކްގެ "ޖެޓްޓައިމް" އެއާލައިނުގައި ކުރާ ޗާޓަރު ފްލައިޓުތަކުގެ ފުރަތަމަ ފްލައިޓު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ޑިސެމްބަރު 21 ވީ ބުދަ ދުވަހުއެވެ.

ރާއްޖެ އައި ޖެޓްޓައިމްގެ އެއާކްރާފްޓަކީ އެއާބަސް އޭ320 މަރުކާގެ ފްލައިޓެކެވެ. އޭގައި ގާތްގަނޑަކަށް 150 މީހުންގެ ޖާގަ އޮވެއެވެ.

ސައީދު ވިދާޅުވި ގޮތުގައި، މި ފްލައިޓުތައް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަމުން އަންނަ އިރު، 2017 ގެ މާޗު މަހުގެ ނިޔަލަށް ފްލައިޓުތައް ކުރިޔަށް ގެންދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. ޔޫރަޕާއި އުތުރުގެ ގައުމުތަކަށް ފިނި މޫސުން ކުރިޔަށް ދާ އިރު، ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ރާއްޖެއަށާއި އެހެނިހެން ގައުމުތަކަށް ޗުއްޓީއަށް ޒިޔާރަތް ކުރަމުންނެވެ.