23 Dec 2016, 18:59
ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާ، ޗައިނާގެ ޝަންހާއީ އެސްއައިޕީޖީއާ ގުޅިއްޖެ އެވެ.
ޗެލްސީގައި އޮސްކާ ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔޫރޮޕާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.
އޮސްކާ ވިއްކާލުމަށް ޝަންހާއީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ޗެލްސީން ކަށަވަރުކޮށްދީފައިވާ އިރު، ޝަންހާއީ އިން ވެސް ވަނީ އޭނާ އެ ކްލަބާ ގުޅުނުކަން ކަށަވަރުކޮށްދީފަ އެވެ.
ޗެލްސީން ޝަންހާއީ އަށް އޮސްކާ ސޮއިކޮށްފައި ވަނީ 52 މިލިއަން ޕައުންޑްގެ އަގަކަށް ހަބަރުތައް ބުނާ އިރު، އޭނާ އަށް އަހަރަކު ޝަންހާއީ އިން 20 މިލިއަން ޕައުންޑްގެ މުސާރައެއް ލިބިގެންދާނެ އެވެ. އެހެންކަމުން އޭނާ ވެގެންދާނީ ޕްރިމިއާ ލީގު ކްލަބަކުން އެހެން ކްލަބަކާ ގުޅޭނެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
ޝަންހާއީއާ ގުޅުމަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އޮސްކާ ބުނީ، އޭނާ އަށް ޗެލްސީގެ ވެރިޔާ އާއި ކްލަބުގެ މުވައްޒަފުން ދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ޗެލްސީއާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެންމެ ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވަނީ ސަޕޯޓަރުންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ޝަންހާއީ އިން ވަނީ މިއަހަރު އެ ކްލަބަށް އޭޝިއާގެ ރެކޯޑު އަގެއްގައި ބްރެޒިލް ފޯވަޑް ހަލްކްގެ ސޮއި ވެސް ގެންގޮސްފަ އެވެ. އެ ކްލަބުގެ ކޯޗަކީ ކުރިން ޗެލްސީ އަށް އިރުޝާދުދިން ޕޯޗުގީޒް ކޯޗު އަންދްރޭ ވިޔަސް ބައޮސް އެވެ. އޭނާ އެ ކްލަބާ ހަވާލުވީ މިދިޔަ މަހުގެ ކުރީކޮޅެވެ.