23 Dec 2016, 16:35
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަ ޖަނަވަރީ މަހު ފަށާ ކޯސްތަކަށް ހުޅުވާލި މުއްދަތުގައި 660 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
އިސްލާމިކް ފައިނޭންސިންގެ ދެ ކޯހަކާއެކު ރާއްޖެއަށް މުޅިން އާ ކޯސްތަކެއް ތައާރަފްކޮށް އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައިޔޫއެމް އިން ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެގޮތުން އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޔުނިވާސިޓީން ފުރަތަމަ ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އެ ޔުނިވާސިޓީން އިތުރުކުރިއެވެ.
އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަން އަށް ވިދާޅުވީ، ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، ކޯސްތަކަށް ޖުމްލަ 663 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.
އެގޮތުން، އަންނަ އަހަރުގެ ޖަނަވަރީ މުޅިން އަލަށް އިއުލާންކުރި ކޯސްތަކުގެ ޖާގަތައް އެއްކޮށް ފުރިފައިވާ ކަމަށާއި އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ކޯސްތައްވެސް ހިމެނޭ ކަމަށް ޗާންސެލަރު ވިދާޅުވިއެވެ.
އައިޔޫއެމް އަންނަ ޖަނަވަރީ މަހު ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރާ އިސްލާމިކް ފައިނޭންސްގެ ދެ ކޯހަކީ ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް އަދި އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ އެވެ.
އައިޔޫއެމް އިން ބުނިގޮތުގައި، އިސްލާމިކް ފައިނޭންސްގެ ދެ ކޯހަކީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާ ގުޅިގެން ފަރުމާކޮށްފައިވާ ދެ ކޯހެކެވެ.
އޭގެ އިތުރުން އައިޔޫއެމްގެ އަންނަ މަހު ފަށާ ޑޮކްޓާ އޮފް ފިލޯސަފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް އަކީ ވެސް އެ ޔުނިވާސިީޓން މުޅި ރާއްޖެއަށް އަލަށް ތައާރަފްކުރި ދެ ކޯހެވެ.