23 Dec 2016, 20:12
އައްރިއްގާ (ޑިސެމްބަރު 23) : އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް އެޖަމާއަތުން އަސީރުންގެ ހައްޔަރުކުރި ތުރުކީ ސިފައިންގެ ދެ މީހަކު ދިރިތިއްބައި އަންދާލައިފިއެވެ.
މިކަން އިޢުލާން ކުރަމުން އައިއެސްގެ ނޫސް އެޖެންސީ "އަލްއަޢްމާގް" އިން ބުނީ ތުރުކީއަކީ އެޖަމާއަތުގެ އެންމެ ބޮޑު އެއް ދުޝްމަންކަމަށާއި އެޖަމާއަތުން ސޫރިޔާގައި ގާއިމްކޮށްފައިވާ އިސްލާމީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކުރާ ތުރުކީ ސިފައިންގެ ދެމީހުންނަށް ހައްގު އަދަބު ދިނުމުގެ ގޮތުން އެދެމީހުން ދިރިތިއްބައި އަންދާލައިފި ކަމުގައެވެ. މިޖަރީމާ ހިންގި މަންޒަރު ދައްކައިދޭ ވީޑިއޯ އެއްވެސް އައިއެސްއިން ވަނީ އިންޓަނެޓްގައި ޝާއިޢުކޮށްފައެވެ.
މި ވީޑިއޯއިން ފެންނަނީ އަސީރުންގެ ގޮތުގައި ހައްޔަރުކުރި ތުރުކީ ސިފައިންގެ ދެ މީހެއްގެ އަތްތައް ބަނުމަށްފަހު ދަގަނޑު ކޮށްޓަކަށް ލައިގެން ގެންގޮސް އެ ދެމީހުންގެ ގަޔަށް ޕެޓްރޯލް އަޅައި އަންދާލި މަންޒަރެވެ.
އަށާރަ މިނެޓުގެ އެ ވީޑީއޯގައި ތުރުކީ ސިފައިންގެ ދެ މީހުން އަންދާލުމުގެ ކުރިން އެދެމީހުންގެ ތަޢާރަފެއް ދިނުމަށް އައިއެސް އިން ވަނީ އެ ދެ މީހުންނަށް މަޖްބޫރު ކޮށްފައެވެ.

އަންދާލުމަށްޓަކައި ތުުރުކީ ދެމީހުން ކޮށްޓަކަށްލައިގެން ގެންދަނީ
ތަޢާރަފްގައި އޭގެތެރެއިން އެކަކު ބުނެފައިވަނީ އޭނާއަކީ އައިއެސްއާ ދެކޮޅަށް ތުރުކީ ސިފައިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާ ސިފައިންގެ މީހެއް ކަމަށާ އޭނާގެ ނަމަކީ ފަތްހީ ޝާހީން ކަމުގައެވެ.
ދެވަނަ މީހާވެސް ބުނެފައިވަނީ އޭނާ އޭނާއަކީ އައިއެސްއާ ދެކޮޅަށް ތުރުކީ ހިންގާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާ ސިފައިންގެ މީހެއް ކަމަށާ އޭނާގެ ނަމަކީ ސަފްތަރު ތާޝް ކަމުގައެވެ. މިދެމީހުންގެ އުމަރަކީވެސް 21 އަހަރެވެ.

އަންދާލުމަށް ތައްޔާރުވަނީ
ތުރުކީގެ ހަމަލާތަކުގައި އައިއެސްގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާއިރު އައިއެސްގެ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ ބޮޑުބައެއްވެސް ތުރުކީ ސިފައިންވަނީ ހަލާކުކޮށްލާފައެވެ.
ތުރުކީ ސިފައިންނާއި އައިއެސް އާ ދެމެދު ހިނގަމުންދާ ގަދަ ހަނގުރާމައިގާ އައިއެސް އިންވެސް ތުރުކީ ސިފައިންގެ ބައެއްމީހުން މަރާލައި ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި ގެއްލުންތަކާއެކުވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އައިއެސް އަކީ އިސްލާމް ދީނަށާއި މުޅި އިސްލާމީ އުންމަތަށް އޮތް އޮތްނުރައްކަލެއް ކަމަށްވާތީ އައިއެސް ޖަމާއަތް ނައްތާލެވެންދެން ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ވަޢްދުވެ ވަޑައިގެންފައެވެ.

ތުުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ތުރުކީ ސިފައިންނާއި އައިއެސް އާ ދެމެދު ހަނގުރާމަ ހިނގަމުންދަނީ ސޫރިޔާގެ ރަށެއްކަމަށްވާ އަލްބާބް ގައެވެ. މިހަނގުރާމައިގާ އައިއެސް އިން ދިން ބޮން ގޮއްވުމުގެ ޙަމަލާތަކެއްގައި މިދިޔަ ބުދަދުވަހު ތުރުކީ ސިފައިންގެ 14 މީހުން މަރުވެ 33 މީހުން ޒަޚަމްވެފައިވެއެވެ.
އައިއެސް އިން މީގެކުރިންވެސް މުސްލިމް އަސީރަކު ދިރިހުއްޓައި އަންދާލައިގެން މަރުގެ އަދަބު ދީފައިވެއެވެ. އެއީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒަކަށް ބޮންއެޅި އުރުދުންގެ މިލިޓަރީ ޕައިލެޓެއް ކަމަށްވާ މުއާޒުލްކަސާސިބާ އެވެ.
އައިއެސް އިން އަސީރު ކުރި ތުރުކީ ސިފައިންގެ ދެމީހުން އަންދާލައިގެން މަރުގެ އަދަބު ދިންކަން ތުރުކީ ސަރުކާރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިޖަރީމާއާބެހޭގޮތުން ތުރުކީ ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ ތުރުކީން އައިއެސް ދެކެ ކުޑަކޮށްވެސް ޖެހިލުންނުވާ ކަމަށާ މިޖަރީމާގެ ސަބަބުން އައިއެސް ނައްތާލުމުގެ އަޒުމު ކުރިޔަށްވުރެ ވަރުގަދަވެއްޖެ ކަމުގައެވެ.

ތުރުކީ ސިފައިންގެ ދެމީހުން އަންދާލަނީ
އައިއެސްއާއި ތުރުކީއާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަކީ އައިއެސް މުޅިން ނައްތާލައި ވުޖޫދުން ފުހެލުމުގެ ހަނގުރާމައެއް ކަމަށާ އައިއެސްގެ ކޮންމެ ހަނގުރާމަވެރިއެއްގެ ބޮލަށް ބޮންއެޅުމަށް ތުރުކީން ސިފައިންގެ ލަޝްކަރުތަކުން އަޒުމް ހިފާފައިވާތީ އެކަން އެގޮތަށް ކުރައްވާނެ ކަމަށް ޔެލްޑްރިމް ވިދާޅުވިއެވެ.
އައިއެސް އަށް ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތު ކުރެވޭ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ އެމެރިކާއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވިކިލީކްސް އިން ލީކުކޮށްލި އެމެރިކާ ސަރުކާރުގެ ރަސްމީ ލިޔުންތަކުންވެސް މިކަން ހާމަވެފައިވެއެވެ. ނަމަވެސް އެމެރިކާގެ މީޑިޔާއިން މިކަމަށް މާބޮޑު އަޅާލުމެއް އަޅާލާފައެއް ނުވެއެވެ.
އައިއެސް އިން އިރާގާއި ސޫރިޔާގައި ގާއިމްކޮށްފައިވާ ޚިލާފަތުގެ ދައުލަތް އިރާގާއި ސޫރިޔާއާއި ރަޝިޔާއާއި ތުރުކީގެ ގަދަފަދަ ހަމަލާތަކުގެ ސަބަބުންވަނީ ވަރަށްބޮޑަށް ބަލިކަށިވެފައެވެ. އަދި އިރާގާއި ސޫރިޔާގެ ސިފައިންވަނީ އެދައުލަތުގައި ހިމެނޭ އެދެގައުމުގެ ބިންތަކުގެ ތެރެއިން ގިނަ ބިންތައް މިނިވަންކޮށްފައެވެ. (ނޫސްއެޖެންސީތައް)