23 Dec 2016, 14:45
ރާއްޖޭގެ ހަތަރު އަތޮޅުގެ އަތޮޅު ހޮސްޕިޓަލަކަށް އޮކްސްސިޖަން ކޮންސެންޓްރޭޓަރު ދިރާގުން ހަދިޔާ ކޮށްފި އެވެ.
ދިރާގުން ބުނީ، އެ ތަކެއްޗަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހަދިޔާކުރި ތަކެތި ކަމަށެވެ.
ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާ ކޮށްފައި ވަނީ އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަަަލަށާއި އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ގެ އިތުރުން ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.
އޮކްސްސިޖަން ކޮންސެންޓްރޭޓަރުއާ ހަވާލު ވަމުން ފ. އަތޮޅު ހޮސްޕިޓަލް ގެ މެނޭޖަރު އަހުމަދު ނާޒިމް ވިދާޅުވީ ދިރާގުން ހަދިޔާކުރެއްވި އޮކްސިޖަން ކޮންސެންޓްރޭޓަރަކީ އެ ހޮސްޕިޓަލަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.
އަދި ދިރާގުން އެފަދަ އެއްޗެއް ހަދިޔާ ކުރީތީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ އިތުރު އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަރީފު ވެސް ވަނީ ދިރާގުން އެ ހޮސްޕިޓަލަށް އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާ ކުރެއްވުމުން އެކުންފުނީގެ މެނޭޖްމެންޓަށް ޝުކުރުއަދާކުރައްވާފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުން ވަނީ ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އޮޕަރޭޝަން ސެންޓަރު ގާއިމު ކޮށް މުޅި ރާއްޖެ އެކީ ގުޅާލާފައެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާކުރަނީ --- ފޮޓޯ/ ދިރާގު
ދިރާގަކީ 99 ޕަސެންޓް ދިވެހިން ވަޒީފާ އަދާ ކުރަމުން އަންނަ ކުންފުންޏަކަށްވާއިރު، އެކުންފުނިން ދަނީ ރާއްޖޭގެ ނުވަ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އޮޕަރޭޝަން ސެންޓަރު ތަކުން ވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުންނެވެ.
ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން ކަމަށާއި މުސްތަގުބަލުގައިވެސް ވީހާވެސް ގިނަ އަތޮޅުތަކަށް، ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިމްމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް މި އަހަރުގެ ތެރޭގައިވެސް ގިނަ ހަރަކާތް ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ލ. އަތޮޅާއި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުން ވާ ތަފާތު ވަސީލަތްތައް ހަދިޔާ ކޮށްފައިވެއެވެ.
އޭގެ އިތުރުން ފުވައްމުލަކުގައި ގާއިމު ކުރަން އުޅޭ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑްސް އަށްވެސް ދިރާގުން ވަނީ އެހީތެރިކަށް ފޯރުކޮށްދީފައެވެ.