23 Dec 2016, 13:45
މިއަހަރަކީ ޕޯޗުގަލް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ކާމިޔާބު އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ކްލަބު ލެވެލްގެ އިތުރުން ގައުމީ ޓީމާއެކު ވެސް ރޮނާލްޑޯ އަށް މިއަހަރު ކާމިޔާބީތަކެއް ވަނީ ހޯދިފަ އެވެ. އޭނާ އަށް އެކި ކާމިޔާބީތައް ލިބެމުންދާ އިރު، އެ ކާމިޔާބީތަކުގެ ތެރެއަށް މިފަހަރު މިވަނީ އާ ކާމިޔާބެއް އިތުރުވެފަ އެވެ.
ރެއާލް މެޑްރިޑާއެކު ރޮނާލްޑޯ މިއަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ އުފުލާލައިފި އެވެ. ޕޯޗުގަލް ގައުމީ ޓީމާއެކު ޔޫރޯ 2016ގެ ތަށި އުފުލާލައިފި އެވެ. އަހަރު ނިންމާލުމުގެ ކުރިން ރެއާލްއާއެކު ކްލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފި އެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެ ހަފްތާއެއް ކުރިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު ހަތަރު ވަނަ ފަހަރަށް ހޯދައިފަ އެވެ.
ރޮނާލްޑޯގެ އެންމެ މަގުބޫލު ފޭސްބުކް އިންސްޓަގްރާމް ތެރެއިން ޕޯސްޓެއް
ދުނިޔޭގެ ކުޅިވަރު ޝަހުސިއްޔަތުތަކުގެ ތެރެއިން ރޮނާލްޑޯ އަކީ ސޯޝަލް މީޑިއާގައި އެންމެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތުގެ ގޮތުގައި ވެފައިވަނީ ސޯޝަލް މީޑިއާގެ ހަރަކާތްތައް ދިރާސާކުރާ 'ކްރައުޑްޓޭންގަލް'ގެ ނަތީޖާތަކަށް ބަލައިގެންނެވެ.
އެންމެ ފަހުން ރޮނާލްޑޯ ހޯދި ކާމިޔާބަކީ ވަކި ހުނަރެއް ހުރެގެން ލިބުނު ކާމިޔާބެއް ނޫނެވެ. އެއީ ރޮނާލްޑޯއަށް ލިބުނު އާ ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭނެ ކާމިޔާބެކެވެ. އޭނާ ވަނީ މިއަހަރުގެ "ސޯޝަލް މީޑިއާ ކިންގް" ނުވަތަ ސޯޝަލް މީޑިއާގައި އެންމެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތަށް ވެފަ އެވެ.
ރޮނާލްޑޯގެ އެންމެ މަގުބޫލު ފޭސްބުކް ޕޯސްޓްތަކުގެ ތެރެއިން ޕޯސްޓެއް
މިއަހަރުގެ ސޯޝަލް މީޑިއާ ޕޯސްޓް ތަކުގެ ތެރެއިން ރޮނާލްޑޯގެ ފޭސްބުކް ޕޭޖްގެ ތިން ޕޯސްޓަކާއި، އިސްޓަގްރާމްގައި ފަސް ޕޯސްޓެއް އެ ދިރާސާގެ ނަތީޖާތަކުގެ އެންމެ ކުރީގައި އުޅެ އެވެ. ރޮނާލްޑޯގެ އެ ޕޯސްޓްތަކަށް 34 މިލިއަން މީހުންގެ ނަޒަރު ހުއްޓިފައިވެ އެވެ.
ރޮނާލްޑޯގެ ޕޯސްޓްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ފޭސްބުކް ޕޯސްޓް ތަކަކީ ޔޫރޯ 2016 ޓްރޮފީއާއެކު އޭނާ ނަގާފައިވާ ފޮޓޯ އާއި، އޭނާގެ ދަރިއާއެކު އުފަންދުވަސް ފާހަގަކުރުމަށް ނަގާފައިވާ ފޮޓޯ އަދި ޕޯޗުގަލް ގައުމީ ޓީމާއެކު މަތިންދާ ބޯޓެއްގައި ނަގާފައިވާ ފޮޓޯ އެކެވެ. އޭގެ ތެރެއިން އެންމެ ކުރީގައި އުޅޭ ފޭސްބުކް ޕޯސްޓަށް އެކަނި ވެސް 7.4 މިލިއަން މީހުންގެ ނަޒަރު ހުއްޓިފައިވެ އެވެ.
ރޮނާލްޑޯގެ އެންމެ މަގުބޫލު އިންސްޓަގްރާމް ޕޯސްޓްތަކުގެ ތެރެއިން ޕޯސްޓެއް
އެންމެ ކުރީގައި އުޅޭ ރޮނާލްޑޯގެ އިންސްޓަގްރާމް ޕޯސްޓްތަކުގެ ތެރޭގައި ޓްރޮފީއާއެކު ނަގާފައިވާ ދެ ފޮޓޯއެއް ހިމެނޭ އިރު، އޭނާގެ އާ ކާރު ދައްކާލުމަށް ނަގާފައިވާ ފޮޓޯ އާއި، ޕޯޗުގަލްއާ އެކު ޕޯޑިއަމް މަތީގައި ނަގާފައިވާ ފޮޓޯއަކާއި އެކްޓަރު ޖޭސަން ސްޓެތަމްއާ އެކު ނަގާފައިވާ ފޮޓޯ ވެސް ހިމެނެ އެވެ.
ފޭސްބުކާއި އިންސްޓަގްރާމްގެ އެންމެ ކުރީގައި ރޮނާލްޑޯ އުޅުނު ނަމަވެސް، ޓުވިޓާގެ އެންމެ ކުރީގައި އުޅެނީ ޖިމްނާސްޓިކް ތަރި ސައިމަން ބައިލްސްގެ ޕޯސްޓަކާއި ސްވިޑަންގެ ފުޓްބޯޅަ ތަރި ޒްލަޓަން އިބްރަހިމޮވިޗް އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނުކަން ކަށަވަރުކޮށްދިން ޕޯސްޓެކެވެ.