އާ އަހަރު ފާހަގަކުރުމަށް އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އަދި ބަޔާން މިއުނިކްގެ ވިންގާ އާރްޔެން ރޮބެން ރާއްޖެ އަތުވެއްޖެއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބެކަމް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި މޮޑެލް ވިކްޓޯރިގެ އިތުރުން އެ ދެމީހުންގެ ހަތަރު ކުދިން (ބުރޫކްލިން، ރޯމިއޯ، ކުރޫޒް އަދި ހާޕާ) އާއެކުއެވެ.

އެމީހުން ރާއްޖެ އައިސްފައިވަނީ ވީއައިޕީކޮށް މިއަދު ހެނދުނު ގަތަރުގެ ފްލައިޓަކުންނެވެ. އަދި ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ އަމިއްލަ ފުށި ރިސޯޓަށެވެ.

އާ އަހަރުގެ ޗުއްޓީއަށް ބެކަމް އޭނާގެ އާއިލާ ގޮވައިގެން މީގެ ކުރިން ތިން ފަަހަރެއްގެ މަތިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މި ފަހަރު ޗުއްޓީ ހޭދަކުރާ ރިސޯޓްގައި ބޮޑު ޕާޓީއެއްވެސް ބާއްވަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮލެންޑްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބެން ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 8:55 ގައި މާލެ އައި އެމިރޭޓްސްގެ ފްލައިޓަކުންނެވެ.

ޗުއްޓީ ހޭދަކުރުމަށް ވޭތުވެދިޔަ ތިން އަހަރުވެސް ރާއްޖެ އައިސްފައިވާ ރޮބެން ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ ފޯސީޒަން ލަނޑާގިރާވަރަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ހަތް ދުވަހަށެވެ.

ރޮބެން އާއި ބެކަމްގެ އިތުރުން، ބެކަމްގެ އަންހެނުން ވިކްޓޯރިއާ އިންތިޒާމްކުރާ އާ އަހަރުގެ ބޮޑު ޕާޓީއަށް އޭނާގެ ގާތް ރަހުމަތްތެރިން ކަމަށްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބުރިޓީ ޗެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން، ލިޔުންތެރިޔާ ތާނާ ވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

އަމިއްލަ ފުށީގައި ޗުއްޓީ ހޭދަކުރުމަށް އެ މީހުން އައިސްފައިވަނީ ބެކަމްގެ އާއިލާއާ ވަކިން މިއަދު ހެނދުނު 8:55ގައި ޖެއްސި އެމިރޭޓްސްގެ ފްލައިޓުންނެވެ.