23 Dec 2016, 10:55
މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ޕާކް ކުރުމަށް ހާއްސަ އިމާރާތްތަކެއް މާލޭގައި އެޅުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސަން އަށް ދެއްވި އިންޓަވިއޫއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށްއޮތްތަނުގައި މާލޭގައި ހަ އެއްލަ ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިވާއިރު އެކަމުގެ ސަބަބުން ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެ އިމާރާތްތަކާއެކު ޕާކިންއަށް ބޮޑު ޖާގަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއިމާރާތްތައް އެޅުމަށްޓަކައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު އެކަމަށް ވަގުތު ނަގާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ޕާކިން ބިލްޑިންތައް އެޅުމަށް އެކިއެކި ކޮންސެޕްޓްތައް ތައްޔާރުކޮށް އެކަމާއި ބެހޭ މަސައްކަތްތައް އެބަހިނގާ މިހާރު، ޕާކިން ބިލްޑިން މިއަޅަނީ ހަމައެކަނި ޕާކު ކުރުމުގެ އިތުރުން އެބިލްޑިން ތެރޭ އެކިއެކި އެހެނިހެން ކަންތައްތައްވެސް ހިމެނޭގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ގަރާޖެއްގެ ގޮތަށް މަގުތައް ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ އުސޫލެއް ކަނޑައެޅުމަށްޓަކައި އަންނަ އަހަރު ޕާކިން ފީއެއް ނަގާގޮތަށް ޒޯންތަކެއް ހަދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ހަދާ އިމާރާތްތަކުގައި ގަރާޖެއް އިންނަން ޖެހޭއިރު އެޖާގަތައް އެހެން ބޭނުންތަކަށް ބޭނުންކުރާކަމަށާއި އެކަންކަން ހައްލު ކުރުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.