22 Dec 2016, 21:52
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެ އެވެ.
އެ މުބާރާތުގައި މިރޭ ކުޅުނު އެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު، ރާއްޖޭގެ ޓީމު ނޭޕާލް އަތުން ބަލިވެފައި ވަނީ 3-1 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ނޭޕާލުން ގެންދިޔަ ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ 15-25 އިން ދެ ވަނަ ސެޓު ގެންގޮސް އެއްވަރުކޮށްފަ އެވެ. ނޭޕާލުން މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. އެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-19 އަދި 26-24 އިންނެވެ.
މިއަދު ފެށުނު އެ މުބާރާތުގައި ރާއްޖެއިން ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ރާއްޖެ ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ ކިރްގިސްތާނާ ދެކޮޅަށެވެ.
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ލީގު އުސޫލުން ކުޅުމަށްފަހު ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތިން ވަނަ ހޯދާ ޓީމު ކަނޑައެޅުމަށް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ ތިން ވަނަ ހޯދާ ޓީމު ކަނޑައެޅުމަށް ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމާ ދެމެދު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމުގެ މެދުގައި މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ދެމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
ރާއްޖެ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވެފައި ވަނީ ބަންގްލަދޭޝް އަތުންނެވެ.