20 Jun 2011, 10:25
އިތުރު އެއްއަހަރު ދުވަހަށް އެއްބަސްވުމުގައި ޗެލްސީއަށް ސޮއިކުރީ ކްލަބުގެ ހުށަހެޅުން ތަކާމެދު ހިތްހަމަޖެހޭތީ ކަމަށް ޗެލްސީގެ ޕޯޗުގަލް ގޯލްކީޕަރު ހިލާރިއޯ ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ހިލާރިއޯ ޗެލްސީއާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ އިތުރު އެއްއަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އޭނާ ނިންމިއިރު، އެ ކްލަބް ޗީފް އެގްޒެކްޓިވް ރޮން ގޯލޭ ވަނީ ހިލާރިއޯއަށް މަރުހަބާ ކިޔައިފަ އެވެ.
ދެހާސް ހަ ވަނަ އަހަރު ޗެލްސީއާ ގުޅުނު ކީޕަރު މިހާތަނަށް އެ ޓީމަށް ކުޅެދީފައިވަނީ 37 މެޗެވެ. ނިމިގެންދިޔަ ސީޒަނުގައި އޭނާ އަންގި ލާފައިވަނީ އެންމެ މެޗެއްގަ އެވެ. އެއީ މެންޗެސްޓާ 3-1 އިން ޗެލްސީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް އުފުލާލި މެޗުގަ އެވެ. އޭގެ ކުރީ އަހަރު ސީޒަނުގައި ހިލާރިއޯގެ ބޭނުން ހިފާފައިވަނީ 11 މެޗުގަ އެވެ.
ކުރިއަށް މިއޮތް ސީޒަނަށް ޗެލްސީ ކުރިމަތިލާއިރު އެ ކްލަބުން ވަނީ މޮޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ހުސްވި ސީޒަންގައި ޗެލްސީއަށް ރަނގަޅު ކާމިޔާބީއެއް ނުލިބޭކަމަށް ބުނެ، ކްލަބްގެ ކޯޗް ކާލޯ އެންޗެލޮޓީ މަޤާމުން ދުރުކޮށްފައި ވާއިރު، ކުލަބްގެ ޗީފް އެގްޒެކްޓިވް ރޮން ގޯލޭއާ ހަވާލާދީ އިނގިރޭސި މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، މި ހަފްތާ ނޫނީ އަންނަ ހަފުތާގެ ތެރޭގައި އާ ކޯޗެއް ހަމަޖައްސާނެ ކަމަށެވެ.