ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ޕޮލިސް ކްލަބުން ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން ކުއީން ސްޕޯޓްސް ކްލަބު އަތުން މޮޅުވެގެންނެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ޕޮލިސް ކްލަބުންނެވެ. އެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-22 އަދި 25-23 އިންނެވެ. މެޗުގެ ތިން ވަނަ ސެޓު 22-25 އިން ކުއީން ސްޕޯޓްސް ކްލަބުން ގެންދިޔަ ނަމަވެސް، ފަހު ސެޓު ޕޮލިހުން ގެންދިޔައީ 25-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ އައިމިނަތު އަރީޝާ އެވެ.

ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ރަނަރަޕް ކުއީން ސްޕޯޓްސް ކްލަބު --- ފޮޓޯ/ ވީއޭއެމް

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޕޮލިސް ކްލަބު ހަތަރު ކުޅުންތެރިންނާއި ކުއީން ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިއެކެވެ. އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޕޮލިސް ކްލަބުގެ ކުޅުންތެރިންނަކީ އައިމިނަތު އަރީޝާ އާއި، މަރިޔަމް މިޒްނާ އާއި، ފާތިމަތު ޖޫޒާން އަދި ހަމްނާ ހުސައިން އަލީ ދީދީ އެވެ. އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުއީން ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިންނަކީ އައިޝަތު އިމްތިނާން އަދި އައިމިނަތު ރާޝިދާ އެވެ.

އަންހެން ޑިވިޝަންގެ 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ސްޕޯޓްސް ކްލަބު ދިރުމުގެ ޝާނިޔާ އަހްމަދު ނިޒާމް ހޮވުނު އިރު، ހުރިހާ ގޮތަކުން 21 އަހަރުދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ އައިމިނަތު އަރީޝާ އެވެ. އަންހެން ޑިވިޝަންގެ އެންމެ ފައިދާހުރި ކޯޗަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ކޯޗު ސޮފްވާން އަހުމަދެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކޮށްފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ޕޮލިސް ކްލަބާއި ކުއީން ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ދިރުން އަދި މާތޮޑާ ސްޕޯޓްސް ކްލަބެވެ.