22 Dec 2016, 19:59
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓުނު ދަގަނޑު ދޮރަކުން ޖެހި، އަނިޔާވި ދެ މީހުންގެ ތެރެއިން، ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ބުނާ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މިއަދުގެ މެންދުރުފަހު 3:30 އެހާކަންހާއިރު ކެމްޕަސް ގޯޅި ތެރޭގައި ހިނގި އެ ހާދިސާގައި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ އެ މަގުން ހިނގާފައި ދިޔަ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަށެވެ.
މަންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ އިމާރާތުގެ މަތިން ވެއްޓުނީ އަށް ފޫޓު، ހަތަރު ފޫޓު ވަރުގެ ދަގަނޑު ދޮރެއް ކަމަށާއި އެ އެތިގަނޑު ވެއްޓި ޖެހުނީ ފިރިހެން މީހާގެ ބޮލުގެ ފުށްކިބައިގައި ކަމަށެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ފިރިހެން މީހާގެ ސީޓީ ސްކޭން ހަދާފައިވާ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ މައުސޫމް ވިދާޅުވީ، އޭނާގެ އެތެރެހައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށާއި ބޮލުގެ ނާށިގަނޑުގައި ފުރެކްޗާއެއްވެސް ނެތް ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށް މައުސޫމް ވިދާޅުވި އެވެ.