އައްޑޫ ސިޓީ ލިންކު ރޯޑުގައި ބާރު ސުޕީޑުގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައިފި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހިފައިވާ ކަމުގެ މައުލޫމާތެއް މިއަދު 5:25 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ކާރު ތެރޭގައި އިނީ ކާރު ދުއްވަން އިން އުމުރުން 30 އަހަރުގެ ހިތަދޫ މީހާ އެކަންޏެވެ.

ހާދިސާގައި އޭނާއަށް މާބޮޑު އަނިޔާއެއްވެފައެއް ނުވެ އެވެ. އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

އެ އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.