22 Dec 2016, 18:53
އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރިން ޖެހި ޓައިލްސްތަކުގެ ފެންވަރު ދަށްވުމުން އެ ޓައިލްސްތައް ތަޅާލައި އަލުން ޓައިލްސް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
އެ މައްސައްކަތަށް އިސްލާމީ މަރުކަޒު ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ނުވުމުން ޓައިލްސް ޖަހާ ނިމޭނެ ވަކި ތާރީހެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ހައުސިންގް މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ އެ ސަރައްހައްދުގައި ޖަހާފައިވަނީ ސަރުކާރުން ބޭނުންވި ފެންވަރުގެ ޓައިލްސް ނޫން ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އިސްލާމީ މަރުކަޒު މައިދާނުގައި މާބްލް ޓައިލްސް ޖަހައި ނިންމީ މިއަހަރުގެ ރަމަޟާން މަހަށެވެ. އެހެން ނަމަވެސް އެ ޓައިލްސްތަކުގެ މަތީގައި ބިއްލޫރި ފަށަލައެއް ހުންނަ އިރު، އެ ފަށަލައިގައި ރެނދުލައި، ފުޅިތޮށި ނެއްޓުން ފަދަ ކަންކަން ހިނގާފައިވެ އެވެ. އެހެންކަމުން މިދިޔަ މަހުގެ ތެރޭގައި އެ ޓައިލްސްތަކުގެ މަތީގައި ހުރި ބިއްލޫރި ފަށަލަ ތަޅާލައި، މުޅިން ނައްޓާލާފައިވެއެވެ.
ބިއްލޫރި ފަށަލަ އެއްކޮށް ތަޅާލައި، ނައްޓާލުމުގެ ސަބަބުން ޓައިލްސްތަކުގައި ހުރި ކުލަތައް ވެސް ވަނީ ކެހިގެން ގޮސްފައެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ޓައިލްސް މަތީގައި ބިއްލޫރި ފަށަލައެއް ހުރުމަކީ މިނިސްޓްރީން ބޭނުންވި ގޮތް ނޫން ކަމަށެވެ.